ވެެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.
އެމްޑީޕީ އިން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އެ ޕާޓީން ޢާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި ވާގޮތުން 57،257 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓު ލެވޭނެކަމަށް ވަނީ ބުނެފައެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ ރައީސް، އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޕްރައިމަރީގައި ދެ ކެންޑިޑޭޓުން މިހާރު ވަނީ ވޯޓު ލައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް އެންމެފަހުން އޮތީ 2008 ވަނަ އަހަރުއެވެ. އެ އަހަރު ތިން ބޭފުޅެއް ޕްރައިމަރީގައި ވާދަކުރެއްވިއެވެ. އެއީ ރައީސް ނަޝީދާއި، ރީކޯ މޫސާ މަނިކާއި އަދި ޑރ. މުޙައްމަދު މުނައްވަރެވެ. އެ އިންތިޚާބުގައި 11،200 މީހުން ވޯޓުލާފައިވާއިރު އެ އިންތިޚާބު ކާމިޔާބުކުރައްވައި އެފަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ނަޝީދެވެ. އެފަހަރުގެ ޕްރައިމަރީގައި ނަޝީދު ވަނީ 7،656 ވޯޓު (%68.4) ހޯއްދަވާފައެވެ. ޑރ. މުނައްވަރަށް 2،394 (%21.4) ވޯޓު ލިބުނުއިރު، ރީކޯ މޫސައަށް ލިބުނީ 989 (%8.4) ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!