މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރަށްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ''ރައްޔިތުންގެ އުދާސް''ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ފެންނަމުން ދަނީ ރާއްޖޭގެ ބޭންކްތަކުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާތަން ކަމަށެވެ. އަދި ބޭންކިން ނިޒާމާމެދު ރައްޔިތުން ހޭލުންތެރި ކުރުވާތަން ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ސްކޫލް ކުދިން ބޭންކިން ނިޒާމަށް އަހުލުވެރިކުރުވާނެ ކަމަށެވެ. އަދި އެކަމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގފައި އެކުދިންނަށް ބޭންކްގައި ފައިސާ ރައްކާތެރިކޮށް ގެންގުޅެންޖެހެނީ ކީއްވެކަމާއި، ކްރެޑިޓަކީ ކޮބާ ކަމާއި މިފަދަ އަސާސީ މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ބޭންކިން ނިޒާމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖުޑިޝަރީގެ މައްސަލަ ކަމަށެވެ. އެގޮތުން ބޭންކަކުން ރަހުނުނުކޮށެއް ލޯނެއް ނުދޭނެ ކަމަށާއި އެރަހުނުކުރުމަށް ފަހު ވިޔަފާރީގައި އެރަހުނު ވިއްކާލެވޭނެ ގޮތެއް ނެތި އެތައް އަހަރެއް ހޭދަވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި ވިޔަފާރީގައި ދިމާވާ މިކަހަލަ ކަންކަން ހައްލުކުރުމަށް މާކެންޓައިލް ކޯޓެއް ޤާއިމުކުރާނެ ކަމަށާއި، ވިޔަފާރިވެރިންގެ މަސްލަހަތު އޮންނަ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ނުދާނެކަމަށް ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ދިވެހި ރައްޔިތުންގެ ތެރެއިން ލޯނު ނުދެއްކިފައި ތިބި ކޮންމެ މީހަކަށް އެލޯނު ރީސްޓްރަކްޗާ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!