އެމަނިކުފާނުގެ ވެރިކަމެއްގައި ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގަޑިއެއްހާ އިރަށް ރޭ ދެމިގެން ދިޔަ މި ޖަލްސާ ގެންދެވީ ތަފާތުކޮށެވެ. އެ ޖަލްސާގައި ވާހަކަ ދެއްކެވީ ނަޝީދު ހަމައެކަނި ނަޝީދެވެ. ނަޝީދުގެ ވާހަކަފުޅުގެ މައިގަނޑު ބިނާކުރެއްވީ ވެރިކަން ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެ ކަންކަމުގެ މައްޗަށެވެ.
މިގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދީ ރައްޔިތުންގެ ޖީބަށް ވަންނަ ވަރު ދެގުނަ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަސްވެރިންނަށް ޚާއްޞަ ވައުދުތަކެއް ވެސް ރޭ ނަޝީދު ވެވަޑައިގަތެވެ. މިގޮތުން މިހާރު 17 ރުފިޔާގައި ހުރި މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރޮލާ މަސް ބޭރުކުރުން ހުއްޓުވައިދީ، ރާއްޖޭގައި މަސް ޕްރޮސެސް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ދަރިވަރުންގެ ލޯންތައް އަލުން އެކުލައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މާދަމާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!