ބޮޑުތިލަދުންމަތީގެ ހއ. ހދ. އަދި ށ. އަތޮޅުގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ތިބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ޞާލިޙްގެ ކެމްޕޭނުގެ ފަރާތުން އެ އަތޮޅުތައް ބެލެހެއްޓެވުމާއި އިސްކޮށް ހަވާލުވެހުންނެވި ޝާހިދު މިހެން ވިދާޅުވީ އެ އަތޮޅުތަކުގެ އަތޮޅުގެ މާލޭގެ ފޯކަލް ޕޮއިންޓުންނާ އިއްޔެ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް ރިވިއުކުރުމަށް ބޭއްވި މި ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވީ، ހއ. އިން ފެށިގެން ހދ. އަދި ށ އަތޮޅުގެ އެމްޑީޕީގެ މެންބަރުންވެސް ތިބީ ރައީސް ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައިކަމަށެވެ.
ހއ.ހދ.އަދި ށ އަތޮޅުގެ މާލޭގެ ފޯކަލް ޕޮއިންޓުންނާ މިއަދު ބައްދަލުކޮށް، އެންމެ ފަހުގެ ތައްޔާރީތައް ރިވިއުކުރުން
ހއ.އިން ފެށިގެން ހދ.އިން ގޮސް ށ އަތޮޅުގެ އެމް.ޑީ.ޕީ. މެންބަރުންވެސް ތިބީ ރައީސް @ibusolih އަށް އެމް.ޑީ.ޕީ.ގެ ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި#MDPKuriah #Ibu2023 pic.twitter.com/W7MYlfxHQy
— Abdulla Shahid (@abdulla_shahid) January 26, 2023
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، އެ އަތޮޅުތަކުގެ ހޮވާލެވުނު ރަށްތަކަކަށް ރައީސް ޞާލިޙް ވަނީ ކެމްޕެއިން ދަތުރުފުޅެއް ކުރަށްވާފައެވެ. އެ ރަށްތަކުގައި ބައްދަލުވުން ބާއްވާފައި ވަނީ އެ ދާއިރާއެއްގެ ހުރިހާ އެމްޑީޕީ މެންބަރުން ބައިވެރިކޮށްގެންނެވެ.
މި އަތޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ތާއީދު އޮތީ ރައީސް ޞާލިޙަށެވެ. އަދި ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖްގެ ތާއީދު ރައީސް ޞާލިޙަށް އޮތް އިރު، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސިރާޖާއި، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ތާއީދު ކުރައްވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށެވެ.
މިއަދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ އެންމެ ފަހު ދުވަހެވެ. އެ ޕްރައިމަރީގައި ވޯޓުލާނީ މާދަމާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!