ދަންވަރު ގޯއްޗަށް އިއުލާން ކުރުމަކީ ކަޑަޖެހުމުގެ އިތުރު މަރުހަލާއެއް ފެށުންކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް އެމަނިކުފާނު މިހާރު އައްޑޫ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އައްޑޫ ސިޓީގެ ފޭދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ ބަދަލުކުރުމުގެ އެންމެ ބޮޑު ހިއްސާ ދާރުންނަކީ ފޭދޫއާއި އައްޑޫގެ ވެސް ރައްޔިތުން ކަމަށެވެ.
''ރޭ ދަންވަރު 12 ޖަހާއިރު، ރޭގަނޑު ދަންވަރު 12 ފަހުން، މާމައާއި ގޭ މީހުން ބުނޭ ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ، ރެއެއްގެ ދަންވަރު ހަތަރު ދަމުން ދިޔައީމާ ދެން ގޯއްޗަށް އިއުލާން ކުރީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެން ވެސް ހިތައް އަރާނެ މިހިރީ ކަޑަޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ގޯތިތައް ކޮންމެ އިންތިޚާބެއްގައި ދެމުންދާ ކަމަށާއި، އަދި ގޯއްޗަށް ޢިއުލާން ކުރަނީ ވެސް ދަންވަރު ކަމަށެވެ. އަދި ގޯތި ދޭނެ ކަަމަށް ބުނިނަމަވެސް އެ ގޯތިތައް އަދި ހުރީ ކަނޑުއަޑީގައި ކަމަށް ވެސް ވިދާޅުވިއެވެ.
''އަޅުގަނޑު ހުރިހާ ސިޔާސީ ލީޑަރުންނަށް ދަންނަވަން 2023 ވަނަ އަހަރުގެ މެދު އާމްދަނީގެ އޯލެވެލް މަޖުބޫރު، ގްރޭޑް 10 އާއި ހަމައަށް ކިޔެވުން ޤާނޫނީ ގޮތުން ލާޒިމް ޤައުމެކޭ، މިތަނުގެ ރައްޔިތުންނާމެދު އެއްގޮތަށް ދެކުމަކީ ވަރަށްވަރަށް ވެސް ބޮޑަށް ރައްޔިތުންނާ ގުޅޭގޮތުން ނިކަމެތިކޮށް ވިސްނާ ވިސްނުމެކޭ، މިތަނުގައި ނެތް ލިޔަންކިޔަން ނުދަންނަ އެއްވެސް މީހެއް، ގްރޭޑް 10 އާއި ހަމައަށް ނުކިޔަވާ ހުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް، މިހެން ތިބި ރައްޔިތެއްގެ ކުރިމަތީގައި ރޭގަނޑު ދަންވަރު 12 ޖަހާއިރުގައި، އެމީހުން ރޭގަނޑު 12 ގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް، ގޯތި ދޫކުރުން އެއީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ނޫން'' ނަޝީދު ވިދާޅުވިއެވެ.
ދަންވަރު ގޯއްޗަށް އިއުލާން ކުރުމަކީ ކަޑަޖެހުމުގެ އިތުރު މަރުހަލާއެއް ފެށުންކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީން 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!