ހިތް ނިޔަތް ޚަލާސް ކޮށްގެން ޝަންގްރިއްލާ ރިސޯޓު ހުޅުވަން އުޅުނުނަމަ ، އެއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވެން އޮތް ކަމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑޫ ސިޓީ ހިތަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ރިސޯޓު މިހައިތަނަށް ހުޅުވިގެން ގޮސްފައި ނުވަނީ މި ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ މިހާތަނަށްވެސް ސަރުކާރަށް ދޫކޮށް ނުލެވިގެން ކަމަށެވެ. އަދި އެ ރިސޯޓު ދެން ދެމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ހިތް ނިޔަތް ޚަލާސް ކޮށްގެން އެކަން ކުރަން އުޅުނުނަމަ، އެއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވެން އޮތް ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ސަރުކާރުން އަދިވެސް ގެންގުޅެމުންދަނީ ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރު ކުރުމުގެ ސިޔާސަތު ކަމަށް ވިދާޅުވެ، ސަރުކާރަށް ވަަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރޮލާ އަދިވެސް މަސް ބޭރުކުރަމުން ދަނީވެސް ކޯލިޝަންގެ މެނިފެސްޓޯއެއް ތަންފީޒު ކުރަމުންދާތީ ކަމަށާއި، ސަރުކާރުގެ މިހާރުގެ ވިސްނުމަކީވެސް މަސް ޕްރޮސެސް ކުރުމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަންނަ ނޮވެމްބަރު މަހުން ފެށިގެން މަހުގެ އަގު 25 ރުފިޔާއަށް އުފުލިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
މި ދެ ބޭފުޅުންވެސް ގެންދަވަނީ އަވަދިނެތި ކެމްޕެއިން ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!