ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމުގެ މަސައްކަތްތައް ބަޔަކު ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންވެ އެކަމަށް އެމްޑީޕީ މެންބަރުން ސަމާލުވުމަށް އެ ޕްރައިމަރީގައި ވާދަ ކުރަށްވާ އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާން ދެން ބާކީ އޮތީ 4 ދުވަސް ކަމަށެވެ.

Ad
rt

މިހާތަނަށް އައިއިރު އެ ޕްރައިމަރީގައި އެހެން ''ކުލަތައް އެބަޖެހޭ'' ކަމަށާއި، އެމްޑީޕީގެ މެންބަރުން އެކަމާމެދު ވިސްނަވަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުން އެ މަންޒަރު ފެންނަމުންދާ ކަމަށާއި، އެކަމާ ވިސްނަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''ތި ބޭފުޅުން ވެސް ވިސްނަންވާނެ އެ ބޭފުޅުންގެ މަގުސަދަކީ ކޮބައިކަން އެ ކުރަށްވަނީ ކޮންކަމެއްކަން، ސާފުކޮށް އެމްޑީޕީ އަށް ވެރިކަމުގައި ދެމިތިބެވެން އޮތްކަން އެނގޭތީ އެކަމަށް ހުރަސްއެޅުމަށް ކުރާ ކަންތައްތަކެއް އެ ބޭފުޅުން އެ ކުރައްވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާވެސް އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ އެ ތިބީ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީއަކީ އެންމެ ޑިމޮކްރަޓިކް ޕާޓީ ކަމަށާއި، ޕާޓީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށެވެ. އަދި މިފަހަރުގެ ޕްރައިމަރީ ވެސް ނަމޫނާ އަކަށް ވާނެކަމަށް ވިދާޅުވިއެވެ.

''ޕްރައިމަރީން މޮޅުވާނެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު، ފަސޭހަކަމާއެކު ކާމިޔާބު ކުރާނަން، އެ ފޯމިއުލާ އެބައޮތް، އެކަން ދައްކަމުން މިދަނީ'' ރައީސް ވިދާޅުވިއެވެ.