މި ފަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އއ. މާޅޮހަށް މިއަދު ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެމްޑީޕީން އަމަލުކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެރަށަކީ (އއ. މާޅޮހަކީ) އެ މަނިކުފާނާއި ރައީސް ނަޝީދާ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ގިނަ ރަށެއްކަން ފާހަގަ ކުރައްވާ ސާލިހު ވިދާޅުވީ ނަޝީދަށް ދޭންވާ ގަދަރާއި އިހުތިރާމާއި ލޯބި އެ ރަށުން ދޭންވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވަނީ ވަކި މީހަކާ ދެކޮޅަށް ނޫން ކަމަށެވެ.

ޢާއިލީ ގުޅުންތައް އޮތް ނަމަވެސް، ޕްރައިމަރީގައި ވޯޓުލާއިރު އެމްޑީޕީއަށް އެންމެ ފައިދާވާގޮތައް ދެވަނަ ދައުރަކަށް ފަހިވާގޮތައް ވޯޓު ދެއްވުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށް، އަންނަ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުން ތަކުރާރު ކުރަށްވާފައެވެ.