އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް ނަޝީދު އިއްޔެ ވަނީ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާފައެވެ.
އެ ސިޓީގެ ހިތަދޫގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ އެއާޕޯޓަށް ފަތުރުވެރިއަކު އައިސް ރިސޯޓަކަށް ގޮސް ދެ ހަފުތާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށް ފުރައިގެންދިޔުމަށް މަރުހަލާތަކެއް ހިނގާއިރު، އޭނާގެ ފުށުން ރާއްޖެއަށް އާމްދަނީ ލިބެމުން އަންނަތާ މިހާރު 40 އަހަރުވެފައިވާ ކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިކަން ހިންގާތާ 40 އަހަރު ވެއްޖެކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެއީ އައްޑޫގެ ދަރިން ރާއްޖޭގައި ފެށި މަސައްކަތެއް ކަމަށެވެ.
''މިއީ ދިވެހިރާއްޖޭގައި އެހެންބަޔަކު ކުރާންފެށި ކަމެއްނޫން، އައްޑޫ ދަރިން ކުރާންފެށިކަމެއް، އަޅުގަނޑުމެންނަށް އޭގެ 40 އަހަރު ފަހުންވެސް މިތަނުގައި އެކަން ނުކުރެވޭ ކަމީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ފޭލިއާ'' ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ރާއްޖޭގެ ތަރައްގީ ހޯދެން އޮތް އިންޖީނަކީ އައްޑޫކަން އެއީ ސާފުކޮށް އެނގެން އޮތް ހަގީގަތެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!