ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ނިންމައިފި އެވެ.

ޝިފާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކުރީ، ވެމްކޯއަށް ޑިސެމްބަރު, 2017 ގައި ޑަމްޕް ޓްރަކެއް ގަންނަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ މީހެއްގެ، ކިއުބެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި މައްސަލައިގަ އެވެ. ވެމްކޯއަށް އެ ޓްރަކް ގަތީ އެއީ ބާ ޓްރަކެއްކަން އެނގި ހުރެ ބާޒާރުގައި ލިބޭ އަގަށް ވުރެ ބޮޑުކޮށް ކަމަށް އޭނާގެ މައްޗަށް ކުރި ދައުވާގައިވެ އެވެ.

Ad
rt

އެ މައްސަލައިގައި މިދިޔަ މަހު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަކީ މައުޟޫއީ ގޮތުން ކުރިއަށްގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ ބޭރުކޮށްލީ ކޮޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްފައިވާތީ ކަމަށް ބުނެ އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ޝިފާއުގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށްވާއިރު، ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނުގައި އިސްކަން ދިނުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.

ދައުލަތުން ޝިފާއުގެ މައްޗަށް ކުރި ދައުވާގައި ވަނީ، ވެމްކޯއިން އިމަޖެންސީކޮށް 350 ކިލޯގެ އާ ޑަމްޕް ޓްރަކެއް ގަތުމަށްޓަކައި އެމަޖެންސީ ރިކުއެސްޓް ފޯމު އޭނާ އެޕްރޫވްކުރުމަށް ފަހު، އެކަމަށް ހޯދާފައި ވަނީ 2016 ވަނަ އަހަރު 230،000ރ. އަށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ގަނެ ބޭނުންކޮށްފައި އޮތް ޑައިހެޓްސޫ ބްރޭންޑްގެ 350 ކިލޯގެ ޓްރަކެއް ކަމަށެވެ.

އެއީ ބޭނުންކޮށްފައިވާ އެއްޗެއްކަން އެނގި ހުރެ، ޝިފާއުއާ ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ފަަރާތެއްގެ މަސްލަހަތު ހިމެނޭ ކުންފުންޏެއް ކަމަށްވާ ކިއުބެކް އިންވެސްޓްމެންޓަށް އެ ޓްރަކް ގަތުމަށް ވެމްކޯއިން 402،800ރ. ދޫކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ. އެއީ ބާޒާރުގައި ޑައިހެޓްސޫ ބްރޭންޑްގެ 350ކިލޯގެ އާ ޑަމްޕް ޓްރަކް ވިއްކާ އަގަށްވުރެ ވެސް އަގުބޮޑު އަދަދެއް ކަމަށް ދައުވާގައިވެ އެވެ.