ޑްރަގް ރިހިބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމް މިއަހަރު ރާއްޖޭގެ ފަސް ރަށެއްގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ މަސްތުވާތަކެތިން މީހުން ދުރުކުރުމަށް ހިންގާ މި ޕްރޮގްރާމް ރާއްޖޭގެ ފަސް ރަށެއްގައި މިއަހަރު ފަށާނެ ކަމަށެވެ. މި ޕްރޮގްރާމުތައް ކުރިއަށް ގެންދާނީ ހޮސްޕިޓަލްތަކާއި ހެލްތުސެންޓަރުތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

އެފަދަ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީ ގައި މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ އިދާރާގެ ހަ މުވައްޒަފަކު، އެސިޓީގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"އެ މުވައްޒަފުން ކުރަމުން އަންނަ ކަަމަކީ ފަރުވާއަށް އެދޭ މީހުންގެ އެސެސްމެންޓް ހެދުމާ އެހެނިހެން ތައްޔާރީތައް ކުރުމުގެ މަސައްކަތްތައް." އިމާދު ސާލިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންޑީއޭއިން މަސައްކަތްކުރަމުން އަންނަނީ މަސްތުވާތަކެތިން މީހުން ސަލާމަތްކުރަންދޭ ފަރުވާގެ ނިޒާމު ފުޅާކުރުމަށް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެންޑީއޭގެ ބޯޑުގެ ޗެެއަރމަން ސަމާއު ޝަރީފު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާ މީހުންނަށް ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ދޭން ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުންނަށް އެކަމުގެ ތަމްރީނެއް މިހާރު ވެސް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަމްރީނު ދިނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީތެރިިކަމާއެކު ކަމަށާއި މަސްތުވާތަކެތީގެ މީހުންނަށް ފަރުވާ ދިނުމުގައި އަމަލުކުރާނެ "ކްލިނިކަލް ޕްރެކްޓިސް ގައިޑްލައިނެއް" ވެސް މިހާރު އެކުލަވާލައިފާ ކަމަށެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ކުރިމަތިވާ މަސްތުވާތަކެތި ނުލިބުމުން ވާ ގޮތްތައް، މެނޭޖްކުރާނެ ގޮތާއި މީހަކު އޯވަރޑޯޒްވެއްޖެ ނަމަ އަމަލުކުރާނެ ގޮތްތައް ވެސް އެ ގައިޑްލައިނުގައި އޮންނާނެ ކަމަށް ސަމާއު ވިދާޅުވިއެވެ. އަދި ފަރުވާ ދިނުމުގައި ހަރަކާތްތެރިވާނެ ބޭފުޅުންނަށް އެ ގައިޑްލައިން މިހާރު ވާނީ ދީފައި ކަމަށް ވެސް ވިދާޅުވިއެވެ.