ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ އަވަހަށް ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ކާށިދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކާށިދޫ އަށް އިތުރަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން ބިމާއި ބަނދަރު ބޮޑު ކުރުމަކީ އެރަށަށް ބޭނުންޖެހިފައިވާ ކަންކަމަށް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން ފަރުވެރިކަން ކުރުމަށްޓަކައި ފަޅުތެރެއިން ބިން ހިއްކައި ރަށެއް ތަރައްޤީކުރުމަކީ ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

''ތިޔަ ބޭފުޅުން ހިތައް އަރާފާނެ ބިއޮއް ބޮޑު ކާށިދޫގައި ބިން އިތުރުކުރަން އަޅުގަނޑުމެން މި ވިސްނަނީ ކީއްވެގެންބާއޭ، މިއީ ރާއްޖޭގައި އެންމެ ބިން ބޮޑު އެއްރަށް، އަޅުގަނޑުމެންގެ ވިސްނުމަކީ ކާށިދޫގައި މިހާރު އޮތް ބިން ދަނޑުވެރިކަމަށް ޚާއްޞަކޮށްފައި ބޭއްވުން، މިރަށަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަންކުރާ އެއް ރަށް، އެހެންވީމާ މިރަށުގެ އެ ބިން ދަނޑުވެރިކަމަށް ހުސްކޮށްފައި ބޭއްވުމަށްފަހު ބިން އިތުރުކޮށް ގެ ދޮރު ބޭނުންވާ މީހުންނަށް ގެދޮރު ދިނުމާއި ފަތުރުވެރިކަމުގެ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމަކީ އެމްޑީޕީގެ ސިޔާސަތު،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ވައުދާ އެއްގޮތަށް އެ ރަށުގެ ބިން ބޮޑުކޮށް ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކާށިދޫގައި ވަނީ މަސައްކަތް ކުރަންއުޅެފައި ކަމަށާއި، ނަމަވެސް ޕްލޭނެއް ނެތި، ވިސްނުމެއްނެތި އެމަސައްކަތް ކުރުމުން ވެފައި އޮތްގޮތް އެރަށުގެ ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''މި ރަށުފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަކީ އަވަހަށް ކުރަންޖެހޭ ކަމެއް ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމައި މިހާރު ވާނީ ބިޑިން ޕްރޮސެސް ފަށާފައި، މިރަށް ޓޫރިޒަމަކީ ވަރަށް ބޭނުންތެރި ކަމެއް،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެރަށުގައި ސަގާފީ ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚް ދައްކުވައިދޭ މުޅިން އައުވައްތަރެއްގެ ފަތުރުވެރިކަމެއް އެރަށުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.