ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ރައީސް ޞާލިޙްގެ ކެމްޕެއިނުން ބުނީ އެ ޖަލްސާ އޮންނާނީ 26 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.
އެރޭ 20:30 ގައި ފަށަން ނިންމާފައިވާ މި ޖަލްސާ ރާއްޖެ ޓީވީ އާއި ސަންގު ޓީވީން ލައިވް ކުރާނެ ކަމަށް ވެސް ރައީސް ޞާލިޙްގެ ކެމްޕެއިނުން ބުނެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 13 އިން 15 އަށް އައްޑޫ ސިޓީއަށް ކެމްޕެއިން ދަތުރެއް ކުރަށްވާފައެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީ ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަކީ އެމްޑީޕީގެ ތާއީދު އެންމެ ބޮޑު އެއް ސަރަޙައްދެވެ. މިގޮތުން މި ޕްރައިމަރީގައި މާލެ ސަރަހައްދު ފިޔަވައި ވޯޓުލުމުގެ ހައްގު ލިބޭ އެ ޕާޓީގެ މެންބަރުން އެންމެ ގިނައީ ވެސް އައްޑޫ ސިޓީގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ޕްރައިމަރީގައި ދެން ވާދަ ކުރަށްވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!