އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް ފަހުވަގުތު ލަނޑުޖަހައި އާސެނަލުން މެޗު ކާމިޔާބު ކޮށްފިއެވެ.

މިރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗު ފަށައިގެން އާސެނަލުން މޮޅަށް ކުޅުނު ނަމަވެސް ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. އާސެނަލުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 24 ވަނަ މިނެޓުގައި ޝަކާ ހުރަސްކުރި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެންކެޓިއޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގައި އާސެނަލުން ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ 53 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އާސެނަލަށް ލީޑުގައި މާ ގިނަ ވަގުތު އޮވެވޭގޮތެއް ނުވިއެވެ. ކޯނަރަކުން ތަނަވަސްވީ ފުރުޞަތެއްގައި ޔުނައިޓެޑްގެ ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުވުމާއިއެކު އާސެނަލުން ވަނީ ޓީމް ކުރިއަށް ޖައްސައި މޮޅުވާން ވަރަށް ބުރަކޮށް މަސައްކަތްކޮށް ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ. އާސެނަލް މެޗުން މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ އެންކެޓިއޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ. މި މެޗުގައި ސިޓީން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހައިދީފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ހާލަންޑް އެވެ. ހާލަންޑަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މަދު މެޗު ކުޅެގެން ހަތަރު ހެޓްރިކް ހެދި ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގެ އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް އޮތީ ފަސް ހެޓްރިކް ހެދި އިނގިރޭސި ފޯވާޑް، އެލަން ޝިއަރާ އަތުގައެވެ.

މި ނަތީޖާތަކާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 19 މެޗުން ލިބުނު 50 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު ތިންވަނާގައި އޮތީ ނިއުކާސަލެވެ. ހަތަރުވަނާގައި އޮތީ ޔުނައިޓެޑެވެ. މި ދެ ޓީމަށް ވެސް 20 މެޗުން ވަނީ 39 ޕޮއިންޓް ލިބިފައެވެ. ނިއުކާސަލްއަށް ތިންވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.