ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ.
ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި މި މަހު 19 ވީ ބުރާސްފަތި ދުވަހުގެ ރޭ އެ ކައުންސިލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ވަނީ ލޯގޯގެ އިތުރުން އެ ކައުންސިލުގެ ދިދައާއި، ސްޓާފް ކާޑާއި ލެޓަހެޑުގެ އިތުރުން ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ.
އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ.
ބާރަށު ލޯގޯއިން ރަމްޒު ކޮށްދޭ ކަންތައްތަކަށް ބަލައިލާއިރު، ލޯގޯއިން ފެންނަ ދޯނިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމް ތިންބެއިން އިސްވެ ތިއްބަވައި ކުރެއްވި ޖިހާދުގައި ދަތުރުކުރެއްވުމަށް ބޭނުންކުރެއްވި ކަޅުއޮށްފުންމި ނަމުން ނަންދެވިފައިވާ ދޯންޏެވެ. އެ ދޯނި ބަނދެފައި ވަނީ ބާރަށުގައެވެ.
ލޯގޯއިން ފެންނަ އެތެރެ ކޯރަކީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށްޓަކައި ކަޅުއޮށްފު ކުރައްވަންޖެހުނު ދަތުރުތައް ކޮށްނިންމަވައި އިރުއެރުމުގެ ކުރިން، ނުވަތަ ޕޯޗުގީޒުން ހޭލަމޭލަވުމުގެ ކުރިން އެ މީހުންގެ ލޯތަކަށް ވަންހަނާ ވުމަށްޓަކައި ކަޅުއޮށްފުން އަޅާފައި އޮންނަ ކޯރެވެ.
ލޯގޯއިން އަރަބި އަކުރުގައި ހިމެނޭ ބާ ގެ ސިފައިގައި ފެންނަ ބައިން ރަމްޒުކޮށްދެނީ ބާރަށް އުފެދިފައިވާ ހާއްސަ ސިފައެވެ. ބާރަށަކީ އުފެދުމުގައި ވަރަށް ހާއްސަ ސިފައެއް ލިބިގެންވާ ތަފާތު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!