ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކުރަން ފަސޭހަވާނީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދު ހޮވައިގެންކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މޭޔަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މޭޔަރ ވަނީ އެމްޑީޕީއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުންތައް ވެސް ހިއްސާ ކުރައްވާފައެވެ.

Ad
rt

މިގޮތުން މޭޔަރ ވިދާޅުވެފައި ވަނީ އެމް.ޑީ.ޕީގެ ޒަމާންވީ ދަފްތަރުން އުނިކުރި 39،000 (ތިރީސްނުވަހާސް) މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާތަކުގެ ވޯޓް ރައީސް ޞާލިހަށް ހޯއްދެވުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށާއި، އެއީ އެ މީހުންގެ އާއިލާގެ މެމްބަރުން ހިމެނޭހެން ގާތްގަނޑަކަށް 70000 (ހަތްދިހަހާސް) ވޯޓް ކަމަށެވެ.

މަސްވެރިން ބާނާ މަހުގެ ހަމަ އަގު ނުލިބުމާއި މަސް ކިރުމުގައި ދިމާވެފައިވާ ދަތިތަކާއެކު، މަސްވެރިން ތިބީ އިންތިހާއަށް މިސަރުކާރަށް ހިތްހަމަނުޖެފައި ކަމަށާއި މުޅި ދިވެހިރާއްޖެއަށް ބަލާއިރު އެއީ ގާތްގަނޑަކަށް 25،000 (ފަންސަވީސްހާސް) މަސްވެރިނާއި އެ މަސްވެރިންގެ އާއިލާއެކު ގާތްގަނޑަކަށް 50،000 (ފަންސާސްހާސް) ވަރަކަށް މީހުންކަމުގައި މޭޔަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މޭޔަރ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހޭދަވި 3 އަހަރަކީ މަސްވެރިންނަށް މަހުގެ ހަމައަގު ލިބި އާމްދަނީ ތިޔާގިވި ދުވަސްވަރެއްކަން ފާހަގަ ކުރައްވައި އެ މަސްވެރިން މިއަދު ވެސް ރައީސް ނަޝީދުގެ ވެރިކަން ދެކެން ބޭނުންވެފައިވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މާލެ، އައްޑޫ، ކުޅުދުއްފުށި، ތިނަދޫ ފަދަ ބޮޑެތި އާބާދީތަކަށް އެކަށީގެންވާ މިންވަރަށް ކަންކަން ކޮށްދެވިފައިނުވާތީ ރައްޔިތުންގެ ހިތްހަމަނުޖެހުން ސަރުކާރާއި ދޭތެރޭ އިންތިހާއަށް އޮތުމާއި، މި ދަރުގެ ބާކީ އޮތް 7 ވަރަކަށް މަސްދުވަހުގެ ތެރޭގައި ވަރަށް ބާރަށް ގިނަ ކަންތައްތަކެއް މި އާބާދީތަކަށް ކޮށްދެވިގެން މެނުވީ އެ ތަންތަނުގެ މެޖޯރިޓީ ހޯދުމަކީ ރައީސް ޞާލިޙަށް ދަތި އުނދަގޫ ކަމަކަށްވާނެ ކަމުގައި މޭޔަރ ވަނީ ވިދާޅުވެފައެވެ.

މޭޔަރ އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޞާލިޙު އެތެރޭގެ އިންތިހާބުގެ ކެމްޕޭންގައި ވެސް ގިނައިން ދައްކަވަމުން ގެންދަވަނީ ކުރިން ވެފައިވާ ވައުދުތައް ފުއްދާދޭނެ ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކަރާނޭ ސިޔާސަތުތަކުގެ ވާހަކަފުޅު ކަމަށެވެ.

މޭޔަރ އިތުރަށް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކާއި ކުރިމަތިލާން ޖެހިއްޖެނަމަ ރައީސް ނަޝީދު އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހައްދަވާފާނެތޯ ސުވާލު އުފެއްދުމުގެ ޖާގަ ނެތްކަމަށެވެ. ސަބަބަކީ މިހާރު އުފެދިފަ މިއޮތް ސަރުކާރު ކޯލިޝަން އަކީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން، ރައީސް މައުމޫނާއި ގާސިމް އިބްރާހިމްއާއި ސެއިހް އިމްރާނާއެކު މަޝްވަރާކޮށް އުފައްދާފައިވާ ކޯލިޝަނަކަށް ވުމެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް މިހާރު ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހުއެވެ.

ކުޅުދުއްފުއްޓަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެކަށީގެންވާ ކަންތައްތަކެއް ކޮށްދެވިފައިނުވާކަމަށް ވިދާޅުވެ މޭޔަރ މުޙައްމަދު އާތިފްއާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދުއަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަން މި މަހު ކުރީކޮޅު ހާމަކުރައްވާފައެވެ.