30 ކިލޯގެ މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ގެއްލުނުކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙުޤީޤުކޮށް ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެތި އަތުލައިގަންނަ ފަހުން، އެ ތަކެއްޗާއި، އެތަކެތި އެތެރެކުރި މީހުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވަނިކޮށް، މަސްތުވާތަކެތި ގެއްލުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގާފައިވާތީ އެކަމާ އެ ޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

Ad
rt

އެމްއެންޕީން ބުނީ، ޤައުމީ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ގިނަ ޒުވާނުން މަސްތުވާތަކެތީގެ މަސްތުން ނުނެއްޓިގެން އުޅޭ އުޅުން ކަމަށެވެ. އަދި މިއީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް އެ ޕާޓީއިން ދެކޭ ކަމަށް ވެސް ބުންޏެވެ.

''ދައުލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް، ރާއްޖެ އެތެރެކުރުން މުޅިން މަނާ މިފަދަ އެއްޗެއް ވީނުވީއެއް ނޭނގި ނިޒާމުން ގެއްލުމަކީ މުޅި ދިވެހި ދައުލަތުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވާ މުހިއްމު މުއައްސަސާތަކުގެ ޤާބިލްކަމާ، ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭފަދަ ކަމަކަށް ވާތީ، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައި، ހިނގާދިޔަ ހާދިސާތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙުޤީޤުކުރައްވާ، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށް މި ޕާޓީން ގޮވާލަން'' އެ ބަޔާނުގައި ބުނެފަވެއެވެ.

އެމްއެންޕީން ބުނީ، މަސްތުވާތަކެތި ގެއްލުވާލުމުގެ މި މައްސަލަތައް ތަޙުޤީޤުކުރުމާއި، އަދިވެސް މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ފަސްޖެހެމުންދާކަމަށެވެ.

''މިކަމުގައި މިހާތަނަށްވެސް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަހެއް ބުނެފައި ނުވާތީ، މިކަންކަން ބަލައި ސަރުކާރާއި ކަމާބެހޭ މުއައްސަސާތައް ޒިންމާދާރުކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިކަމާ ގުޅޭ 2 ކޮމިޓީ ކަމުގައިވާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މި މައްސަލަ މި ޕާޓީގެ ފަރާތުން މިހާރު ވަނީ ހުށަހަޅައިފައި'' އެ ޕާޓީން ބުންޏެވެ.

އެއާޕޯޓުން ލަގެޖެއް ގެއްލުނުކަން ހާމަކުރަށްވައި ފުލުހުންގެ ޚިދުމަތުން މި މަހުގެ 17 ވަނަ ދުވަހު ވިދާޅުވީ، މި ޖެނުއަރީ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނަ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވީއައިއޭ އިން މިހައިތަނަށް ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދިދެނެގަނެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ވީއައިއޭގެ މުހިންމު ބައެއް ދިމާތަކުގައި ސީސީޓީވީ ނެތްކަން ފާހަގަ ކުރެވޭ ކަން ވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވި އެވެ. އަދި އޭނާ އާއިމެދު ތުހުމަތުކޮށް، ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެއާޕޯޓުން މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ލަގެޖެއް ގެއްލުމުގެ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވެފައި ވަނީ އެ އިދާރާގެ ބެލުމުގެ ހުރި އެފަދަ އެއްޗެއް ގެއްލިފައި ނުވާނެ ކަމަށެވެ.