ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރު ހޮވުމަށް ބޭއްވި ބައި އިލްކްޝަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކޮށްފިއެވެ.
މި އިންތިހާބު މިއަދު ބާއްވާފައިވާއިރު، ވާދަ ކޮށްފައި ވަނީ ދެ މެމްބަރެކެވެ. އެއީ އެމްޑީޕީ ޓިކެޓުގައި ވާދަކުރި ފާތިމަތު ޝައުފާއާއި އަމިއްލަ ގޮތުން ވާދަކުރި ފަހީމާ މުޙައްމަދެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 675 ފަރާތަކަށް ލިބިފައިވާއިރު، ވޯޓް ލާފައި ވަނީ 448 ފަރާތެކެވެ. ސައްހަ ވޯޓްގެ ގޮތުގައި 440 ވޯޓް ކަނޑައަޅާފައިވާއިރު ބާތިލް ވޯޓް ގޮތުގައި 8 ވޯޓެއް ވަނީ ކަނޑައަޅާފައެވެ.
އިންތިހާބުގައި ވާދަކުރި އެމްޑީޕީ މެމްބަރު ފާތިމަތު ޝައުފާއަށް 237 ވޯޓް ލިބިފައިވާއިރު، ފަހީމާ މުޙައްމަދަށް ލިބިފައި ވަނީ 203 ވޯޓެވެ.
ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރެއް އިންތިހާބް ކުރަން ޖެހުނީ އެ މަގާމުގައި ކުރިން ހުރި މެމްބަރު ޒާހިޔާ އަލީ އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ޒާހިޔާއަކީ ވެސް އެމްޑީޕީ މެމްބަރެކެވެ.
ތަކަންދޫ ކައުންސިލުގެ މެޖޯރިޓީ މިހާރު ވެސް އޮންނަނީ އެމްޑީޕީއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!