އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރާނެކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެކަމެއް ނުވިކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ.

ޝިޔާންޓޭ ވެސް ނިސްބަތްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދާއިރު، އޭނާ ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައެވެ.

Ad
rt

މި ކެމްޕެއިން ކުރިއަށްދާއިރު، މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ޝިޔާންޓޭ ވިދާޅުވީ، މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ޓިކެޓްގެ އަގު ބޮޑުތަކުން ވީ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންނުކުރެވުނު އިރު މިހާރުގެ ރައީސަށް ދެވަނަ ދައުރެއް ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ޝިޔާންޓޭ ވިދާޅުވިއެވެ.

ޝިޔާންޓޭ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނައެވެ. ނަމަވެސް، ކޯވިޑްގެ ތަދުމަޑުކަމަށްފަހު އަލުން ކުރީގެ ހާލަތަށް އިޔާދަވުމަށް ގައުމީ އެއާލައިނުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޓިކެޓްގެ އަގަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި އޭގެ ފަހުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއިގުޅިގެން އައި އިގްތިސޯދީ ލޮޅުމުގެ އަސަރު ކުޑަކުރުމަށް ވެސް ވަނީ ޓިކެޓްގެ އަގަށް ބަދަލު ގެނެސްފައެވެ.

ރާއްޖޭގެ އިގްތިސޯދު ކޯވިޑްގެ ކުރީގެ ހާލަތަށް މިހާރު ރުޖޫއަވެފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.