މިހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ މެންބަރުން ލާ ވޯޓަކީ ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ ނޫނީ މަގުމަތިވާނީތޯ، އެކަމަށް ގޮތެއް ނިންމާ ވޯޓު ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިރޭ މާލޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ދިޔަ އެމަނކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ. އެދުވަހަކީ އަންނަ ރިޔަސީ އިންތިޚާބުގައި އެ ޕާޓީން ވާދަ ކުރާނެ ކެންޑިޑޭޓެއް އެ ޕާޓީގެ މެންބަރުން ނިންމާ ބޮޑު ދުވަހެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ ނޫން ހުރިހާ ޕާޓީއެއް އެމްޑީޕީއާއި ދެކޮޅު ވުމަކީ އެމްޑީޕީގެ މެންބަރުންގެ ކުށެއް ނޫންކަމަށެވެ.
އެމްޑީޕީއަށް ވެރިކަންކުރުމުގެ ފުރުސަތު ގެއްލިއްޖެނަމަ ކަންދިމާވާ ދެރަގޮތް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް މިއީ އެމްޑީޕީއަށް ތާރީޚީ ވަގުތެއް ކަމަށް ވިދާޅުވިއެވެ. އަދި ފަސް އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ރާއްޖެގައި އެންމެ ގިނަ މަޝްރޫޢު ހިންގީ މިދައުރުގައި ކަމަށް ވިދާޅުވިއެވެ.
''ފެނާ ނަރުދަމާގެ 141 މަޝްރޫޢު މި ދައުރުގައި އެބަ ހިންގަން، ލަފާފުރުމުގެ ދަތިކަން ހައްލުކުރަން 47 މަޝްރޫޢު ނިމިއްޖެ، ތައުލީމީ ދާއިރާއިން 1578 ކްލާސްރޫމް ނިމިއްޖެ، 17 މިސްކިތް އަޅާ ނިމިއްޖެ، 57 ފުޓްބޯޅަ ދަނޑު ނިމިއްޖެ، 61 ފުޓްސަލް ދަނޑު ނިމިއްޖެ، 41 ޖިމް ނިމިއްޖެ، 144 ރަށަކަށް 313 ސެޓް ޖަނަރޭޓަރު ސެޓް ފޯރުކޮށް ދެވިއްޖެ، ކޮންކަމެއްތޯ ނުނިމެނީ'' ރައީސް ވިދާޅުވިއެވެ.
''މިދެންނެވި ކަންކަމާއެކު ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ ނުވަތަ ދާގޮތައް ގޮސް މަގުމަތިވާނީތޯ 28 ޖެނުއަރީގައި އެމްއެންޑީޕީން މި ލާ ވޯޓަކީ މިކަމަށް ގޮތެއް ނިންމާ ވޯޓު'' އިތުރަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ދައުލަތު ބަޖެޓުން ޚަރަދު ކުރާނީ ތަރައްގީގެ މަޝްރޫޢުތަކަށްތޯ، ނުވަތަ ޕެޕަސްރޭއާއި، ކަރަންޓް މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ނިންމާނީ އެމްޑީޕީގެ މެންބަރު ކަމަށެވެ.
''އެމްޑީޕީގެ ތާރީޚްގައި 28 ޖެނުއަރީގައި ލާ ވޯޓުގައި ތަފާތެއް އެބަވޭ، ދެވަނަ ދައުރަަކަށް އެމްޑީޕީ ދިއުމަށް ލިބޭ ފުރަތަމަ ފުރުސަތަކީ މީ'' ރައީސް ވިދާޅުވިއެވެ.
ރައީސް އެދިވަޑައިގަތީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނާއެކު ފުރުސަތުގެ ބޭނުން ހިފުމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި، ތަފާތު ބޮޑު ތާއީދާއެކުމި ޕްރައިމަރީ ކާމިޔާބު ކުރަށްވާނެ ކަމަށާއި، އެކަމަށް އެއްވެސް ޝައްކެތް ނުކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
''މިތަނުން މިކަން މިއޮތީ ނިންމާފައި'' އާޓިފިޝަލް ބީޗަށް އެއްވެ ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނަށް އިޝާރާތް ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!