މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ވަޒީފާ ނުލިބޭނެ އެއްވެސް ޒުވާނެއް ނުބަހައްޓާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ސަރުކާރުން ޒުވާނުންނަށް އަޅާނުލާ ކަމަށެވެ.

Ad
rt

ނާޒިމް ވިދާޅުވީ މި ސަރުކާރުން ކުރާހާ ކަމަަކީ ވެސް ސަރުކާރުގެ ތެރޭގައި ތަޅާފޮޅައި ވެރިކަން ލިބޭނީ ކާކަށްތޯ ބެލުން ކަމަށެވެ.

’’ކާކަށްތޯ ގިނަ ވޯޓު ލިބެނީ ބެލުން، މި ނޫންކަމެއް ނުކުރޭ، އަޅުގަނޑަށް އިއްޔެ މި އިވުނީ އެންމެ ފަހުން ހުޅި ޑިޓޮކްސެންޓަރ ބަންދުކުރި ވާހަކަ، އެހެން ދިމާވީ ބޭސްތަކެއް ނެތިގެން ކަމަށް ވަނީ، ކީއްތޯ މި ކުރެވެނީ’’ ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒުވާނުންނާމެދު އެމްއެންޕީގެ ވިސްނުމެއް އެބަ އޮތް ކަމަށެވެ.

‘’އަޅުގަނޑުމެން މިދަނީ ޒުވާނުންނާމެދު ވިސްނަމުން، އަޅުގަނޑުމެން ސަރުކާރެއްގައި ވަޒީފާ ނުލިބޭ ޒުވާނެއް ނުބަހައްޓާނަން’’ ނާޒިމް ވިދާޅުވިއެވެ.

ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.