ބިލެތްފަހީ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ގައި މިއަދު ކަނޑިތީމަށް ވަޑައިގެން އެ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، އެ ދާއިރާގައި ހިމެނޭ ބިލެތްފަހީ އެއާޕޯޓު ތަރައްޤީ ކުރާނެ ބަޔަކު ހޯދުމަށް ޓެންޑަރ ކުރެވިފައިވާ ކަމަށެވެ.

Ad
rt

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އެއާޕޯޓްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ، ދެން އެމަނިކުފާނު އެދާއިރާއަށަ ވަޑައިގަންނަވާއިރު ބިލެތްފަހީ އެއާޕޯޓުގެ މަސައްކަތް އޮންނާނީ ފެށިފައިކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވަކިވަކި ރަށްރަށްތަކަށް އޮންނަ ގައުމެއްގައި އެއްރަށް އަނެއްރަށާ ގުޅާނުލާ ތަރައްގީ ނުކުރެވޭނެ ކަމަށާއި އެގޮތުން އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ށ. އަތޮޅުގައި ވެސް ދޭން ފަށާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

"އޭގެ މަންފާއާއި ފައިދާ ރައްޔިތުންނަށް ކުރާތަން ފެނުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އުފަލެއް. މިގޮތަށް އެއްރަށް އަނެއްރަށާ ގުޅާނުލާ ހަގީގީ އިޤްތިސާދީ މަންފާއެއް ރައްޔިތުންނަށާ ގައުމަކަށް ނުގެނޭވޭނެ." ރައީސް ވިދާޅުވިއެވެ.