މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސައިފި އެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވީ އަހްމަދު ގައިސް އެވެ. އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރު ކަމުން މި މަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ހަމަޖެއްސި ފަޒީންއަށް މަރުޙަބާ ކިޔައި މިއަދު އެ ކޮމިޝަނުން ބުނީ ފަޒީންގެ ލީޑާޝިޕާއި، އިރުޝާދާއެކު ބްރޮޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްތަށް އިތުރު އެހީތެރިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ.
ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ.
އޭނާ ބްރޮޑްކޮމްއަށް އައްޔަނުކޮށްފައި ވަނީ 7 މާރިޗް 2021 ގައެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގެ ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. ކޮމިޝަންގެ ނައިބު ގައިސް އިސްތިއުފާ ދެއްވާފައިވާތީ ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އަމްޖަދު ވަހީދު އަދި މުޙައްމަދު ފަޒީންގެ އިތުރުން ޝިފްލާ އިބްރާހީމެވެ.
ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!