ދައުލަތް ހިންގާން ލިބިއްޖެނަމަ އެންމެ ބޮޑު އަމާޒަކަށް ވާނީ މީހެއްގެ ފިކުރަކަށް، ކުލަޔަކަށް ނުބަލައި އިންސާފުގާއިމުކުރުމުގައި އާއި އެހެނިހެން ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަމުގެ އުސޫލު ހިފެހެއްޓުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ފްރޭމްކޮށް ޖަލަށްލިތާ 8 އަހަރު ފުރުމުގެ ހަނދާންތައް އައު ކުރައްވައި އާންމު ކުރެއްވި ބަޔާނެއްގައެވެ.
ހިތްދަތި، ބިރުވެރި ވަގުތުކޮޅެއް
ނާޒިމްގެ ބަޔާނުގައި ވަނީ އޭނާ ފްރޭމްކޮށް ހައްޔަރުކުރެވުނު ވަގުތުގެ އެ ހިތްދަތި، ބިރުވެރި ހަނދާން އައު ކުރަށްވާފައެވެ.
''ހަނދާނަށް އަންނަނީ މީގެ 8 އަހަރުކުރިއެވެ. 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ. މެންދަން އަލިވެ 3:15 އެހާއިރު އަޅުގަނމެންގެ އާއިލާ ނިދިން ކޭލައްވާ ފުލުހުން ރަޔަޓް ގިޔަރުގައި އަޅުގަނމެންގެ ގެއަށް ވަނުމުންނެވެ. އަޅުގނޑާއި، އަންހެނުންނާއި އަޅުގަނމެންގެ ދަރީން ކޮޓަރިތަކުން ނެރެ، ބޭރުގައި ބައިތިއްބާފައި، ފުލުހުން ވަދެ އަޅުގަނގެ ނިދާކޮޓަރި ސާޗްކޮށް ހޯދީ ފިސްތޯލައެކެވެ. އަދި ޕެންޑްރައިވް އެކެވެ.''
މިނިވަން ޝަރީއަތެއް ހިންގުމަކާއި ނުލައި 11 އަހަރުގެ ޖަލު ހުކުމެއް
ނާޒިމް ވިދާޅުވެފައި ވަނީ އެއަށްފަހު ވަރަށް ހަލުވިކޮށް ކަންކަން ހިންގައި އޭނާ ޖަލަށްލީ މިނިވަން ޝަރީޢަތެއްގައި ކުށް ސާބިތުވާނޭ އެއް ވެސް ހަމައެއް ނެތިކަމަށެވެ.
''ދެން ފާއިތުވެގެން ދިޔަ މަދު ދުވަސްތަކުގައި ކަންކަން ނިމިގެންދިޔައީ ވަރަށްވެސް ހަލުވިކޮށެވެ. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމުން އަޅުގަނޑު ވަކިކުރެވުނީއެވެ. ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ދަޢުވާ ވެސް ކުރެވުނީއެވެ. އަދި ފުލުހުން ނޫން އެހެން ބައެއްގެ ހެކިބަހެއް ނެތި، ފުލުހުން ނޫންބަޔަކު ނުހުޅުވާ ޕެންޑްރައިވެއްގައި ހުރި ކަމަށް ބުނާ މައުލޫމާތެއްގެ މައްޗަށް ބުރަވެ 11 އަހަރުގެ ދިގު ޖަލު ޙުކުމެއް އަޅުގަނޑުގެ މައްޗަށް ކުރެވިގެން ދިޔައީއެވެ.'' ނާޒިމް ވިދާޅުވެފަވެއެވެ.
ނާޒިމް ވިދާޅުވީ، އޭނާ ދިރިއުޅުއްވި ކޮޓަރިން ފެނުނުކަމަށް ބުނާ ފިސްތޯލަ ހޯދި އިރު އެކަމާއި ހެކިވާން ފުލުހުން ނޫން އިތުރު ބައެއް ނެތްކަމަށެވެ. އަދި ފިސްތޯލަ ހޯދިގޮތުގެ ވީޑިއޯއެއް ވެސް ނެތް ކަމަށެވެ. މިނިވަން ޝަރީއަތެއްގައި ކުށް ސާބިތުވާނޭ ހަމަވެސް ނެތް ކަމަށާއި، އޭނާގެ ފްރޭމްކޮށް އެކަން ހިންގިއިރު އެންމެ ހަގު ދަރިފުޅުގެ އުމުރުން ވީ 8 އަހަރު ކަމަށް ނާޒިމް އަސަރާއެކު ވިދާޅުވެފަވެއެވެ.
ލިބުނު އެންމެ ބޮޑު ނިކަމެތިކަން، އެހެން މީހަކަށް މިފަދަ ދެރައެއް ލިބޭކަށް ނޭދެން
ނާޒިމް ވިދާޅުވީ، އެއީ އޭނާގެ ސިޔާސީ އަދި ޕްރޮފެޝަނަލް ޙަޔާތުގައި ލިބުނު ފުރަތަމަ ދެރައެއް ނޫންކަމަށެވެ. އެންނަމަވެސް އެއީ ލިބުނު އެންމެ ބޮޑު ނިކަމެތިކަން ކަމށް ވިދާޅުވެފަވެއެވެ.
''ކުށެއް ނުކުރަނީސް ލިބުނު އަދަބެކެވެ. ޤައުމުގެ ޙައްޤުގައި ކުރި މަސައްކަތުގައި ޖަލުގައި ހޭދަކުރަންޖެހުނު ދުވަސްތަކެކެވެ. ނުޙައްޤުން ކުރެވުނު ޖަލު ޙުކުމާއި ގުޅިގެން ޖަލުގައި ހޭދަކުރާން ޖެހުނު 3 އަހަރާއި 6 މަސް ދުވަހަކީ ހަމަގައިމުވެސް އަޅުގަނޑަށް ލިބުނު ދުނިޔެވީ ތަޖުރިބާއެކެވެ.'' ނާޒިމް ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ، ދިގު މުއްދަތަކަށް އަނބިދަރިން ދޫކޮށް، އާއިލާގެ ޙާލު ބަލައިނުލެވޭނޭ ގޮތަށް ހުންނަންޖެހުމުން ވިސްނަންޖެހޭ ކަންކަމާއި،
އެކަމުން ޢާއިލާއަށް ލިބޭނެ ނިކަމެތިކަމަކީ އޭނާ ތަޖުރިބާކޮށްފައި ހުރި ކަންކަން ކަމަށެވެ. އެހެން ކަމުން، އެއްވެސް މީހަކަށް މިފަދަ ދެރައެއް
ލިބުމަކީ އޭނާ އެދޭ ގޮތްނޫންކަމަށް ވިދާޅުވެފަވެއެވެ.
އަނެއްކާ ވެސް ނުކުމެ ހުންނެވީ ޤައުމުގެ ކަންކަން ރަނގަޅު ކުރުމަށް
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ އާއިމެދު ހިނގާދިޔަ އެކަންތައްތަކަކީ މިހާރު މާޒީއެވެ. އަދި އެއީ އެހެން ދުވަހެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.
''މިއަދު އަޅުގަނޑު ތެދުވެ މިހުރީ އަނެއްކާވެސް ޤައުމީ ޚިދުމަތުގައެވެ. ޤައުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ޤައުމުގައި ހުރި މައްސަލަތައް ބޮޑެތިވެފައި ގިނައެވެ. ކުރަންވެފައި ހުރި މަސައްކަތްވެސް ގިނަގުނައެވެ.'' ނާޒިމް ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވީ، އޭނާ ހުންނެވީ ޤައުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްކުރުމަށް ވަރުގަދަ ސާބިތުކަން މަތީގައި ކަމަށާއި، އެކަމަށް މަސައްކަތް ކުރުމުގެ ހިތްވަރު ވެސް އެބަހުރިކަމަށެވެ.
''ދައުލަތް ހިންގުމުގެ ފުރުސަތު މާތްﷲގެ ރަޙްމަތުން އަޅުގަނޑަށް ލިބިއްޖެނަމަ، މީހެއްގެ ފިކުރަކަށް އަދި ކުލަޔަކަށް ނުބަލައި ދުލު އިންސާފު ގާއިމުކުރުމުގައި އަދި އެހެންކަންކަމުގައިވެސް ހަމަހަމަކަމުގެ އުސޫލު ހިފެހެއްޓުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެއް އަމާޒެވެ.'' ނާޒިމް ވިދާޅުވެފަވެއެވެ.
އިންސާފަކީ ކޮންމެ މީހެއްގެ ވެސް ޙައްޤެއް
ނާޒިމް ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އިންސާފަކީ ކޮންމެ މީހަކަށް ވެސް ލިބިދެވޭން ޖެހޭ ކަމެކެވެ. ތަޙްޤީޤު މަރުޙަލާގަ އާއި ދައުވާ ކުރުމުގެ
މަރުޙަލާ އަދި ޝަރީއަތުގެ މަރުޙަލާ މިނިވަންކުރުމަކީ މުޅި ޤައުމުގެ ޙައްގުގައި ކުރަންޖެހެ ކަމެއްކަމަށް އޭނާ ވިދާޅުވެފަވެއެވެ. އަދުލުއިންސާފު ގާއިމުނުވެ ފަރުދީ މިނިވަންކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، އަދި ސިޔާސީ މައިދާނުގެ މިނިވަންކަންވެސް ކަށަވަރު ނުކުރެވޭނެ ކަމަށް ނާޒިމްގެ ބަޔާން ނިއްމަވާލައްވަމުން ވިދާޅުވެފަވެއެވެ.
''މިރެއަކީ އަޅުގަނޑު ފްރޭމް ކުރުވެނުތާ 8 އަހަރު ފުރުނުރޭ. ނުހައްގުން 11 އަހަރުގެ ޖަލުހުކުމެއްކޮށް 3 އަހަރަށްވުރެ ގިނަދުވަސް ޖަލުގައި ހޭދަކުރީމު. ސްޕްރީމްކޯޓުން ފުލުހުންގެ މައްޗަށް، މިމައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު، މިމައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން'' - ނާޒިމް
މިރެއަކީ އަޅުގަނޑު ފްރޭމް ކުރުވެނުތާ 8 އަހަރު ފުރުނުރޭ. ނުހައްގުން 11 އަހަރުގެ ޖަލުހުކުމެއްކޮށް 3 އަހަރަށްވުރެ ގިނަދުވަސް ޖަލުގައި ހޭދަކުރީމު.
ސްޕްރީމްކޯޓުން ފުލުހުންގެ މައްޗަށް، މިމައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު، މިމައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން. pic.twitter.com/N7aLbMOhLW
— Mohamed Nazim MP (@nazim7878) January 17, 2023
ނާޒިމް 11 އަހަރަށް ޖަލަށްލާން 2015 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ދައުލަތުން އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާއާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރީ 13 ޑިސެމްބަރު 20018 ގައެވެ.
ނާޒިމް ޖަލަށްލުމާއި އޭނާގެ ކޮޓަރިން ފިސްތޯލައާއި ގުޅުވާލާފައިވާއިރު، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ވިދާޅުވެފައެވެ. އަދި ނާޒިމް އާ އެ ފިސްތޯލައާ ގުޅުމެއް ނެތް ކަމަށް އަދީބު ވެސް ވަނީ ފަހުން ވިދާޅުވެފަ އެވެ.
އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައިނުވާއިރު، ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއްވީ، އޭނާގެ މައްސަލައިގެ އިސްތިއުނާފްގެ ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލައިދޭން ނާޒިމްގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމުނު ގޮތަށް ރިއާޔަތްކޮށް، އެ މައްސަލައިގެ ތަހުގީގު އަލުން ކުރުމަށް ފުލުހުން ނިންމާފައިވާކަމަށް 21 ޖެނުއަރީ 2019 ގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނާޒިމަކީ ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ. އޭނާ ރިޔާސީ އިންތިޚާބުގައި ނުކުންނަވަން ނިންމަވަފައި ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!