މި ސަރުކާރަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާނެ ސަރުކާރެއް ކަމަށާއި، ހޯރަފުށީ ރައްޔިތުންނާ ދެން ބައްދަލުކުރައްވާނީ އެރަށުގައި ސަރުކާރުން އަޅުއްވައިދެއްވަން ވައުދުވި ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހޯރަފުށީގެ ރައްޔިތުންީ ތަރައްގީއަށްޓަކައި އުންމީދުތަކެއް ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ.
ހޯރަފުށީ ރައްޔިތުންނަކީ ޒަމާނުއްސުރެ ތަރައްގީއަށް އުންމީދުތަކެއް ކުރަމުންއައި ބައެއް ކަމަށާއި، ބަދަލުތަކެއް ބޭނުންވި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންތައްތަކީ އެއީ މީގެ ކުރިން ލިޔުމާއި ވާހަކައިގެ ތެރޭގައި ހުރިކަންތައްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހޯރަފުށީގެ ތަރައްގީއަށް މި ސަރުކާރުން ކޮށްދެއްވި މުހިންމު ކަންތައްތަކަށާއި، ކުރައްވަމުން ގެންދަވާ ކަންތައްތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހިސާބަށް އައިއިރު ހޯރަފުށީގެ ރައްޔިތުން ދެން އެންމެ ބޮޑަށް ބޭނުންވަނީ އެ ރަށުގައި ހޮސްޕިޓަލެއް އެޅުން ކަމަށެވެ.
''ޔަގީންކުރައްވައްޗޭ، ޔަގީން ކުރައްވައްޗޭ، އަޅުގަނޑުމެންނަކީ ވައުދެއްވެފައި ދޫކޮށްލާނެ ބަޔެއްނޫން، މިއަދު އެ މަސައްކަތް އެވަނީ ޓެންޑަކޮށް މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި، އިރާދަކުރެއްވިއްޔާ އެމައްސައްކަތް ފަށާގޮތައް ނިންމާނެ ބަޔަކާ ހަވާލުކުރާނަން، އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މިރަށަށް އަންނާނީ، ތިޔަބޭފުޅުންނާ ބައްދަލުކުރާނީ އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައި'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!