ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ އިންތިޚާބެއްގައި ''ހިތްޕުޅު ފުރި ބަންޑުންދާވަރުގެ'' ނަތީޖާއެއް ހޯރަފުށިން ކަށަވަރުކޮށްދެއްވާނެ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއް ގޮތުގައި އެމަނިކުފާނު މިއަދު ވަނީ ހޯރަފުއްޓަށް ވަޑައިގެންފައެވެ.
ހޯރަފުށީގައި ކުރިއަށް ދިޔަ ރައީސް ޞާލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ރައީސް ވަނީ ރައީސް ޞާލިހް އެރަށުގައި ދޮރުން ދޮރަށް ހިންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ރައީސް ޞާލިޙަށް ވޯޓު ދޭނީ އުފަލުން ކަމަށް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ރައީސް ޞާލިޙްގެ ޒައާމަތުގައި އެރަށުގައި ތަރައްޤީކޮށްދެއްވި އެރަށު އެއާޕޯޓަކީ ސަރަހައްދުގެ ތަރައްގީގެ ރަމްޒެއް ކަމަށެވެ. އެ ސަބަބަށްޓަކައި ވެސް ހޯރަފުށީގެ ވޯޓު ރައީސަށް ހައްގުވާކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވަނީ، ރައީސް ޞާލިޙަށް އެރަށު ރައްޔިތުން ވޯޓު ދޭންޖެހޭ އިތުރު ސަބަބުތައް ގޮތުގައި އެރަށަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެނެސްދެއްވި އަދި ގެނެސްދެއްވަމުންދާ ތަރައްގީގެ މަޝްރޫޢުތައް ފާހަގަ ކުރަށްވާފައެވެ.
އޭގެތެރޭގައި އެރަށުގެ މަގުތަކާއ، އަލަށް ތަރައްގީ ކުރި ގޮނޑު ދޮށާއި، ޓާފް އަޅައިގެން ތަރައްގީކުރި ބޯޅަ ދަނޑުފަދަ މަޝްރޫޢުތައް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ސްވިމިން ޓްރެކް މަސައްކަތް ވެސް ކުރިއަށްދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ވަހީދު ވިދާޅުވީ އެރަށުގެ ރައްޔިތުންނާއި އެރަށަށް އަންނަ ދަތުރުވެރިން ވާރެއާއި ހޫނު އަވިން ސަލާމަތްކޮށް، ފެރީ ޓާމިނަލެއް ތަރައްގީކޮށް އާރުޓީއެލް މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލަދިން ރައީސައީ ރައީސް ޞާލިޙް ކަމަށެވެ.
އެ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވެސް އަދި ކުރިއަށް ހުރި އެހެން އިންތިޚާބުތަކުގައި ވެސް ރައީސް ޞާލިޙްގެ ނަންފުޅު ވޯޓު ކަރުދާސް ކޮޅު އޮންނަ ކޮންމެ އިންތިޚާބެއްގައި ހޯރަފުށިން ނެރެދޭނީ ނަލަ، ރީތި ނަތީޖާއެއް ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެރަށުން ރައީސް ޞާލިޙަށް ''ހިތްޕުޅު ފުރި ބަންޑުންދާވަރުގެ'' ނަތީޖާއެއް ހޯރަފުށިން ކަށަވަރުކޮށްދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަހީދު ވަނީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އަކީ އެ ދާއިރާއަށާއި، ހޯރަފުއްޓަށް ލިބިފައިވާ ޖަވާހިރެއްކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!