ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

މިގޮތުން ބޮޑުތިލަދުންމަތިން ރައީސް މިއަދު ފުރަތަމަ ވަޑައިގަތީ ހއ. ހޯރަފުއްޓަށެވެ.

Ad
rt

އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ހޯރަފުށީ އެއާޕޯޓަށް އެރަށުގެ ގިނަ ބަޔަކު ޖަމާވެފައިވާއިރު، އެ ރަށުން ރައީސަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ޞާލިޙްގެ ކެމްޕެއިނުން ހާމަކުރައްވާ ގޮތުގައި މިދަތުރުފުޅުގައި ހޯރަފުއްޓަށްފަހު ދެން ރައީސް ވަޑައިގަންނަވާނީ އެ އަތޮޅު އިހަވަންދޫ އަށެވެ. އެއަށްފަހު ދިއްދޫ އަދި ކެލާ އަށް ވަޑައިގަންނަވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެރަށުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 21:00 ގައި ކަމަށް މައުލޫމާތު ލިބެއެވެ. ރައީސަށް މަރުޙަބާ ދެންނެވުމަށް ހަނިމާދޫ ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ކުރަމުންނެވެ: