ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ތައާރަފްކޮށްފައިވާ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެ ކޮމެޓީން ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، މާޗު 1 އިން 10 ގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ފާއިތުވެދިޔަ އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ކޮމެޓީން ތައާރަފްކޮށްފައިވާ "ބިލެއްކަމަނަ" އެވޯޑު މިއަހަރު ވެސް ދިނުމަށް ނިންމާފައިވާ ކަމަށާއި، މި އެވޯޑު 10 ދާއިރާއަކުން ދިނުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައިވާ ގޮތުން މި އެވޯޑަށް ހުށަހެޅުމުގެ ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ފަރާތްތަކުން ފެބްރުއަރީ 9 ވާ އާދީއްތަ ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ކައުންސިލު އިދާރާ އިން ދޫކުރާ ފޯމު މެދުވެރިކޮށެވެ.

"ބިލެއްކަމަނަ" އެވޯޑު ދިނުމަށް ނިންމާފައިވާ ދާއިރާތައް

  • ވިޔަފާރިއާއި އިގްތިސާދު
  • އާޓް، ފަންނުވެރިކަން
  • ކުޅިވަރަށް ޚިދުމަތްކުރުން
  • ދަރުމަވެރިކަން
  • ތަޢުލީމީ ދާއިރާ
  • މަސްވެރިކަން
  • ދަނޑުވެރިކަން
  • ހަށިހެޔޮ، ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން،
  • ސިއްހީ ދާއިރާ
  • އިދާރީހިންގުން

އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:309 އިން މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށް ވެސް ޑަބްލިއުޑީސީ އިން ވިދާޅުވެ އެވެ.

މިއީ ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކަނބަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންދޭ އެވޯޑެކެވެ.

މި އެވޯޑާއި ގުޅޭ އުސޫލު އެ ރަށު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި ޑަބްލިއުޑީސީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑު ކުރެވޭގޮތަށް ހަދާފައިވާއިރު، މިކަމާއިގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9534333 ނަމްބަރު ފޯނަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރޗު މަހުގެ 8 ވަނަ ދުވަހެވެ.