30 ކިލޯގެ މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ގެއްލިއްޖެ އެވެ.
ދިވެހި ފުލުހުން ހިދުމަތުން މީޑިއާއަށް މައުލޫމާތު ދެއްވާ މަންސަ (ޕްލެޓްފޯމް) ގައި ވިދާޅުވެފައިވަނީ މި ޖެނުއަރީ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނަ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވީއައިއޭ އިން މިހައިތަނަށް ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދިދެނެގަނެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވީއައިއޭގެ މުހިންމު ބައެއް ދިމާތަކުގައި ސީސީޓީވީ ނެތްކަން ފާހަގަ ކުރެވޭ ކަން ވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ އޭނާ އާއިމެދު ތުހުމަތުކޮށް، ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!