ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނާއި އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، މިއަދު ހެނދުނު މަރުހަބާ ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ވަޒީރު ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސް ސާލިހާއި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި ސޮއެކުރެއްވުމަށް ވެސް ނިންމަވާފައި ވެއެވެ. އަދި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސް އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެ އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!