ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ދިއްދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ކުރިޔަށްގެންގޮސްފައި ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ދެމުންދާ ޚިދުމަތްތަކަކީ އަތޮޅުގެ 14 ރަށުގެ ރައްޔިތުންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ދެމުންގެންދާ ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އަތޮޅު ކައުންސިލުގެ ފަރާތުން އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރެއްވިއެވެ.

Ad
rt

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތައް ބާރުވެރިކުރުވަން ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ހާމަކުރައްވާ، މިބަދަލު ތަކުގެ ސަބަބުން ކައުންސިލްތަކަށް ކަނޑައެޅޭ ބަޖެޓްގެ ތެރެއިން އަތޮޅުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންދާނެ ކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާޙަގަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިއްދޫގައި މަސްތުވާތަކެތީގެ މައްސަލަތައް މަދުކަން ފާހަގަކުރައްވައި އެކަމާ އުފާކުރައްވާކަން ހާމަކުރެއްވިއެވެ. އަދި ކުށްމަދު އަމާން ވެށްޓެއް ޤާއިމްކުރުމުގައި ފަރުދީ ޒިންމާ އަދާކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ، ހއ. އަތޮޅުގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކާއިބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިވަޑައިގެން، އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. ދިއްދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ދިއްދޫ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމުގެ އިތުރުން މިރޭ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.