ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ.

އީޔޫ ކްރިމާރީއޯ އިިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި މި ކޯހަކީ ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިން ކޯސް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Ad
rt

ޖަނަވަރީ 3 އިން 13 އަށް ކުރިއަށް ދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ބަންޑާރަކޮށީ ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފް ކަލާސީނު ކޮށީގައި ކުރިއަށްދިޔަ މިކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 6 ބޭކަލުންގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި ސްރީލަންކާ ނޭވީގެ 6 ބޭކަލުންނާއެކު ޖުމްލަ 12 ބޭކަލުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ޙިލްމީ ދެއްކެވި ވާހަކަފުޅުގައި މިއީ މިފަދަ ކޯހެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ކޯހުގެ މުހިންމުކަމާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ ސަލަމަތީ ބާރުތަކަށް މި ކޯހުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މިކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ޤާނޫނާއި ޚިލާފު ތަފާތު ޢަމަލުތަކުގެ ތަޙުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދާނެ ގޮތުގެ ޢިލްމު އުގަންނައި ދިނުމަށް ހިންގި ކޯހެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިކޯހުގައި ނޮލެޖް އެންޑް އަންޑަސްޓޭންޑިންގ އެބައުޓް ދި އަންޑަރ ވޯޓަރ ސައިންޓިފިކް ޕޮލިސް، އަދި ޑައިވަރސް ތުރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް، ފިންގަރޕްރިންޓް ރީޑިންގސް، ޑައިވިންގ އެކްސިޑެންޓްސް، ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އެންޑް ބެލިސްޓިކްސްގެ އިތުރުން ސައިންޓިފިކް ލެބޯޓަރީތަކުގައި އެވިޑެންސް ޕްރޮސެސްކުރާނެ ގޮތް ކިޔަދީފައިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުންނެވެ.