މި ސަރުކާރުން މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެއްވީވެސް، އަދި ކުރިއަށް އޮތްތާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ތަޢުލީމީ ދަރިންތަކެއް އުފައްދައި ރަނގަޅު މުޖުތަމަޢެއް ބިނާކޮށް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ކަމަށެވެ.
''މި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށް. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު އެންމެބޮޑު އިސްކަމެއް ދޭނެ އެއް ދާއިރާއަކީ މިއީ.''' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީހުން ބިނާކުރުމުގައި ސަރުކާރުން ގެންގުޅޭ ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އެ ވިސްނުންތަކަކީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ޚުލްޤު ހެޔޮ، ދީނީ ޢަޤީދާ ވަރުގަދަ ދަރިވަރަކަށް ހެދުމާއެކު، މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ދަރިންތަކެއް އުފެއްދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ތަޢުލީމީ ސިޔާސަތަކީ، ތަޢުލީމީ ނިޒާމުގެ ހުރިހާ މަރުޙަލާއެއްގައިވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށް ދަރިން ހޭލުންތެރިކުރުމާއި، އިސްލާމީ އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުން. އަދި އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ތަރައްޤީ ކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން އެހީތެރިވެދިނުން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވިގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވާގޮތުގައި ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާކުރާ ޤަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ، އެންމެ ރަނގަޅު ޒަމާނީ ތަޢުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެން ކަމަށެވެ. އަދި އެ މީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްޤީކޮށްގެން، އަމިއްލަ ޙަޔާތުގެ މިސްރާބު ސީދާކުރެވޭނެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދީގެންކަމަށާއި، ޢާއިލާއާއި މުޖުތަމަޢުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ޒުވާނުން ވެގެންދާނީ ވެސް އޭރުން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެކަންކަން ހާސިލް ކުޅައުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ރާވައި ތަންފީޒުކުރަމުން ގެންދަވާ ކަމަށެވެ.
''ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ފެށީ އެ ބޭނުމުގައި. ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ވެސް، 5 ޕަރސެންޓްގައި ހުއްޓައި، މިދިޔަ މާރިޗު މަހުން ފެށިގެން ވަނީ 1 ޕަރސެންޓަށް ކުޑަކޮށްދީފައި. އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނީ ވެސް ހަމަ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ ބޭނުންތެރިކަން ޤައުމަށް ބޮޑުކަމުން.'' ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!