އިލްމާއި އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އެ މަންހަޖަކީ ވިސްނައި، ފިކުރުކުރުމުގެ މަންހަޖު ކަމަށާއި ކީރިތި ގުރްއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ، ﷲ ތައާލާ މަޢުރިފާކޮށް ދަނެގަތުމުގައި އޮތް އެންމެފުރިހަމަ މަންހަޖަކީ ވިސްނައި، ފިކުރުކުރުމުގެ މަންހަޖު ކަމަށެވެ.

Ad
rt

މީގެ އިތުރުން ހުތުބާގައި ބުނީ އިންސާނާއަށް ﷲ ތައާލާ ދެއްވި އިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައިގެން، ލިބުނު ކުރިއެރުމާއި ތަރައްގީގެ ސަބަބުން އޭނާވަނީ އޭނާގެ އަމިއްލަ ނަފުސު ހަނދާން ނައްތާލާފައި ކަމަށެވެ. އަދި އޭނާ ހެއްދެވި ފަރާތްވެސް ހަނދާން ނައްތާލާފައިވާ ކަމަށެވެ.

"މި ހޯދުނު ކުރިއެރުމުގެ ސަބަބުން އޭނާއަށް ހީވެފައިވަނީ މުޅި ކާއިނާތު އޭނާގެ މުށުތެރެއަށް ލެވިއްޖެހެންނެވެ. އެހެނެއްކަމަކު އަރަހުށި ހުސްތާހިރުވަންތަ ﷲ ތައާލާގެ ބަސްފުޅަށް އެ އިންސާނާ ކަނުލައި އަޑުއަހައިފިނަމަ، އޭނާގެ ނިކަމެތިކަން، އޭނާއަށް ވިސްނުނީހެވެ." ހުތުބާގައި ވެއެވެ.

ހުތުބާގައި ބުނީ އިލްމާއި އަޚްލާގުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ، އަހަރެމެން ވެސް ކުރަންވީ ކަމަކީ، ކީރިތި ޤުރްއާނުގައިވާ މަތިވެރި އަގީދާއާއި މަތިވެރި އިލްމު، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުން ކަމަށެވެ.

އެކަން ކޮށްނުދެވިއްޖެނަމަ، އެއްދުވަހުން އަނެއްދުވަހަށް ގައުމު ދާނީ ނިކަމެތިވެ، ދަށު ދަރަޖައަށް ވެއްޓެމުން ކަމަށް ވެސް "އިލްމީ، އަޚްލާގީ ޖީލެއް ބިނާކުރުމުގައި ކީރިތި ޤުރްއާނުގެ ދައުރު" ގެ މައްޗަށް އަލިއަޅުވައިލާ ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ ބުނެފަ އެވެ.