އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ސައުތުހެމްޓަން އަތުން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ.
ރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗަށް ސިޓީން ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން އެ ޓީމްގެ އެއް ނަމްބަރު ފޯވާޑް ހާލަންޑްގެ ބަދަލު ރޭ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުޞަތު ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވަރޭޒްއަށެވެ. މީގެ އިތުރުން އެ ޓީމްގެ ޕްލޭ މޭކަރ ކެވިން ޑިބްރޭނާ، ޑިފެންޑަރ އަކާންޖީ، ޑިފެންޑިން މިޑްފީލްޑަރ ރޮޑްރީ ފަދަ ކުޅުންތެރިން ކުޅެން ނުކުމެފައި ވަނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ.
ރޭގެ މެޗުގައި ސައުތުހެމްޓަނުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ލިޔާންކޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސެކޮއޫ މަރާއެވެ.
މެޗުގެ ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖެނެޕޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެދުތެރެއިން އެ ޓީމްގެ ލެވިއާ ކުޅުނު ބޯޅައެއް ހިފައިގެން ވަދެ ސިޓީގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސިޓީން ފަސް ބަދަލެއް ގެނެސް ނަތީޖާ ބަދަލު ކުރުމަށް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސައުތުހެމްޓަނުން ވަނީ ސިޓީން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ.
ލީގު ކަޕް ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ ނޮޓިންހަމް ފޮރެސްޓާއި ވުލްވްސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ވުމާއެކު މެޗުގެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 4-3 އިން ކުރި ހޯދައި ނޮޓިންހަމް ފޮރެސްޓް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓް ބައްދަލު ކުރަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާއެވެ. ސައުތުހެމްޓަން ސެމީގައި ނުކުންނާނީ ނިއުކާސަލްއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!