މި ސަރުކާރުން އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދީ، މާލޭގެ ރަށްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް މިހާރަށްވުރެ ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކޮށްލެވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރަށްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށެވެ.
މިއަދު ހުޅުމާލޭގެ ގޭގެއަށް ދޮރުން ދޮރަށް ހިންގެވިއިރު، ގޭގެއިން ވެސް އަޑުއިވުނީ އެވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބޮޑު މައްސައްކަތެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭ ހިއްކާފައި އޮތުމުގެ މަގުސަދަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާކަން ހޯދައިދިނުން ކަމަށެވެ. އަދި އެކަމުން ކޮންމެސް ވަރެއްގެ ހައްލެއް ގެނެވުނު ކަަމށް ވިދާޅުވިއެވެ. އެހެންނަމަވެސް ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ރަނގަޅަށް އެކަން ނުކުރެވުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެ ތަސައްލީއެއް ލިބެންވާ ވަރަކަށް ނުލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.
''މާލެ އޮތީ ތޮއްޖެހިފައި، ނޭވާ ލެވޭނެ ގޮތެއް ނެތް، މަގުމައްޗަށް ނުކުމެވޭނެ ގޮތެއްނެތް، އެހެން ދިމާވީ މިދެންނެވި ދުރުރާސްތާ ޕްލޭނެއްނެތި ވަކި ކަމެއް ހާސިލް ކުރުމަށްޓަކައި ކަންތައްތައް ކުރަމުން ދިޔުމުގެ ސަބަބުން،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާލެއަށް ލުޔެއްލިބޭނީ މާލޭގެ ރަށްވެހިންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދީ، ރާއްޖޭގެ އެކިރަށްރަށުން މާލެ އަށް ހިޖުރަކުރާ މީހުން މަދު ކުރުމަށް ކަންތައްތަކެއް ކުރެވިގެން ކަމަށެވެ.
''އަޅުގަނޑު މިގެންދަނީ އެކަންތައް ކުރަމުން، ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސްއެއީ، ތައުލީމާއި، ސިއްހީ ފެންވަރު މަތިކުރުމާއި، ދަތުރުފަތުރުގެ ނިޒާމާއި، ޓޫރިޒަމް އަތޮޅުތަކަށް ގެންދިޔުމުގެ ބޭނުމަކީ މީހުން އިތުރަށް މާލެއަށް އައުން މަޖުބޫރު ނުކުރުން، ހަމައެޔާއެކީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ މީހުންނަށް މިއަށްވުރެ ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދައިދިނުން'' ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި މި ސަރުކާރުކާރުން ދަނީ އެއްވެސް ސަރުކާރަކުން ނުހިންގާވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަމުންކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!