ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއްް ނުކުރާނެ ކަމަށާއި އަދި އެފަދަކަމެއް ކުރަން ހިތްވަރުވެސް ނުދޭކަމަށް އެ ކުންފުނީގެ ޗެއާމަން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އާރުސީސީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފެނުނީ އެ ވޭން ދުއްވާފައި ދަނިކޮށް ފުލުހުންނަށް ޝައްކުވެގެން އެ ވޭން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

Ad
rt

އެ ވޭނުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނުނު ކަމަށާއި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލައަކީ އެކަމާމެދު އެ ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އާރުސީސީގެ އެތެރޭގެ ތަހުގީގެއް ހިންގަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަމުގައި ފުލުހުން ހިންގަވާ ތަހްގީގަށް އެ ކުންފުނިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

''ދިވެހި ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއްް އާރް.ސީ.ސީ ކުންފުނިން ނުކުރާނަން އަދި ކުރާކަށް ހިއްވަރެއްވެސް ނުދޭނެ.'' ނާޒިމް ވިދާޅުވިއެވެ.

އާރުސީސީއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކެވެ.