ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ ޓެކްސީ ޑްރައިވަރުން ތަމްރީނުކޮށް، ތާޒާކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާ އަދި ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

Ad
rt

މިއަދު ފެށި މި ޕްރޮގްރާމަކީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ޓެކްސީ ޚިދުމަތަށް އަލަށް ގުޅޭ 212 މީހުން އަދި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި 90 މީހަކު ބައިވެރިވެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.