އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައިވާ ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރައިފި އެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކާބޯތަކެތީގެ އަގު މައްޗަށް ދަމުން ގޮސް މިހާރު 15 ކިލޯގެ ފުށް ބަސްތާއެއް ލިބެނީ 2،050 ޕާކިސްތާން ރުޕީސް އަށެވެ. މިއަދަދަށް އަގު އުފުލުނީ ހަފްތާއެއް ތެރޭގައި 300 ރުޕީސްއިން އަގު އުފުލެމުން ގޮސް އެވެ.

Ad
rt

އެގައުމުގެ އެންމެ އާބާދީ ބޮޑު ލާހޫރު ސިޓީން ގާތްގަނޑަކަށް ފުށް ހުސްވެފައިވާއިރު ވެރިރަށް އިސްލާމް އާބާދުންވެސް ބޮޑު އަގުގައިވެސް ފުށް ގަންނަން ލިބެނީ ވަރަށް މަދު ފިހާރައަކުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕާކިސްތާނު ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފުށުގެ އަގު ކޮންޓްރޯލުން ނެއްޓި، ބޮޑެތި ސިޓީތަކުން ފުށް ހުސްވަމުން ދަނީ ފުޑް ޑިޕާޓްމެންޓާއި ފުށް އުފައްދާ ކުންފުނިތަކާއި ދެމެދު ކަންކަމުގައި އެއްބަސްވުމަކަށް ނާދެވި ދެ ފަރާތުގައި ހިޔާލު ތަފާތުވުން ހުރުމުންނެވެ. މި މައްސަލަ ހައްލު ކުރުމަށް ޕަންޖާބް ސިޓީގައި ފުށް ލިބުމަށް ދަތިވާވެފައިވާ ހާލަތެއް އައިސްފައިވާ ކަމަށް ނިންމާފައިވެ އެވެ.

މި ދަނޑިވަޅުގައި މައްސަލަ ހައްލު ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޔުޓިލިޓީ ސްޓޯސް ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ފަށާފައި އެވެ. އެގޮތުން 25 ޕަސެންޓުން 62 ޕަސެންޓަށް އަގުބޮޑުވެފައިވާ ފުށާއި މުގުގެ އަގު ހެޔޮ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެއެވެ.

ފުށާއި މުގުގެ އަގު ބޮޑުވުމުގެ އަސަރު ނުކުރަނީ އެ ގައުމުގައި ބޭނަޒީރު އިންކަމް ސަޕޯޓު ޕްރޮގްރާމްގައި ރެޖިސްޓްރީކޮށްގެން ސަބްސިޑީ ލިބޭ މީހުންނަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އަދިވެސް އެ ޕްރޮގްރާމްގެ މެމްބަރުންނަށް 10 ކިލޯގެ ފުށް ބަސްތާއެއް 400 ރުޕީސްއަށް ލިބެ އެވެ.

ނަމަވެސް އެމީހުންނަށްވެސް އަގު ހެޔޮކޮށް އެތަކެތި ގަންނަން ލިބެނީ ކޮންމެ ސިޓީއެއްގައި ކަނޑައަޅާފައި ހުންނަ ވަކި ފިހާރަތަކަކުންނެވެ.

ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާއިރު އެ ގައުމުގެ ފޮރިން އެކްސްޗޭންޖު ރިޒާވް ވަނީ 5.576 ބިލިއަން ޑޮލަރަށް ވެއްޓިފައި އެވެ.