އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ.
ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ވެސް މި މެޗަށް ނުކުމެފައި ވަނީ އާންމުކޮށް ފުރަތަމަ އެގާރާގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ އެގާރާގައި ނުހިމަނައެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ފުރަތަމަ ހާފު ނިންމާލާފައި ވަނީ ވެސް ތިން ލަނޑުގެ ލީޑަކާއި އެކުގައެވެ.
މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މަހްރޭޒް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު އޭގެ ހަތް މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އަލްވަރޭޒްއެވެ. މި ޕެނަލްޓީއަކީ ޗެލްސީގެ އޭރިއާތެރެއިން އެ ޓީމްގެ ކައި ހަވާޓްޒް އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.
މެޗުގެ ތިންވަނަ ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފޮޑެންއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޑިފެންޑަރ ވޯކަރ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ސިޓީގެ ހަތަރުވަނަ ލަނޑު 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މަހްރޭޒްއެވެ.
މި ސީޒަންގައި ސިޓީ އަތްދަށުން މިހާތަނަށް ޗެލްސީ ސަލާމަތްވެފައި ނުވާއިރު ލީގު ކަޕުން ވެސް ޗެލްސީ ކަޓާފައި ވަނީ ސިޓީއަތުން ބަލިވެގެންނެވެ. މީގެ ތިން ދުވަސްކުރިން ލީގުގައި މި ދެ ޓީމް ބައްދަލުކުރި މެޗު ވެސް 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސިޓީއެވެ.
ޗެލްސީގެ ނަތީޖާތައް ދައްވެ އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ހޫނު ފެނައް ވެއްޓިފައިވާއިރު، ރޭގެ މެޗަށް ފަހު ދަނޑުގައި ވެސް ޗެލްސީގެ ސަޕޯޓަރުން ވަނީ އޭނާ މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރުގައި ސިޓީ ނުކުންނާނީ އާސެނަލްއާއި އޮކްސްފޯޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނަ ބުރުގައި ނުކުންނާނީ ރީޑިންއާއި ދެކޮޅަށެވެ. ލިވަޕޫލާއި ވުލްވްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ހަތަރުވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ ބްރައިޓަންއާއެވެ. ޓޮޓެންހަމް ނުކުންނާނީ ޕްރެސްޓަންއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!