މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، ނ. ވެލިދޫގައި މިރޭ ކުރިއަށްދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ ދާނީ ކުރިއަށް ކަމަށާއި، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއެކު އެ ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
މިއަހަރު އޯގަސްޓް މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވަން މަސައްކަތް ފަށާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން މިހާރު ޢިއުލާންކޮށްފައިވާކަމަށާއި، އެހެންކަމުން އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި، ފިކުރާއި ހުރިހާ ހަރަކާތެއް އަމާޒު ކުރަންވާނީ އެ އިންތިޚާބު ކާމިޔާބުކޮށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ނުކުމެ މިހުރީ ތިޔަބޭފުޅުންނަށް އެކަން ކޮށްދޭން، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކު އޯގަސްޓް މަހު ބާއްވާ ރިޔާސީ އިންތިޚާބު، އެއްބުރުން، އެއްބުރުން ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން'' މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު، އެއްބުރުން، ބޮޑުތަނުން ކާމިޔާބުކޮށް އެ ވެރިކަން ދަމަހައްޓައިވެސް ދެއްވާނެ ކަމަށްވިދާޅުވެ، ރައީސް ވިދާޅުވީ އެ ހިސާބަށް ދިޔުމަށް ޕާޓީގެ މެންބަރުން ކުރަންޖެހޭ ކުޑަކުޑަ ކަމެއް އެބައޮތް ކަމަށެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީ ކަމަށާއި، ހަގީގަތުގައި އެއީ ބާއްވަން ކޮންމެހެން ލާޒިމް ޕްރައިމަރީއެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
''މިއަދުގެ ހާލަތާއެކުގައި އަޅުގަނޑުމެން ނުކުމެމިތިބީ މި ޕްރައިމަރީވެސް އިރާދަކުރެއްވިއްޔާ ބޮޑުތަނުން ކާމިޔާބުކޮށް އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!