ހދ.ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި "ސާއްބަ އެނިވާސަރީ ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަހުލީ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗު އަހުލީ ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ރިއަލް ސްޓާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރު 10، އަލީ ހުސެއިންއެވެ.

Ad
rt

ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީ ހަވާލު ކޮށްފައެވެ. މީގެ އިތުރުން މުބާރާތް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

މުބާރާތުގެ ވަނަތައް

އެންމެ މޮޅު ގޯލް ކީޕަރު – އާދަމް އިބްރާހީމް (ރިއަލް ސްޓާސް)

އެންމެ މޮޅު ޑިފެންޑަރ – ސިފާން ހަސަން (އަހުލީ)

އެންމެ މޮޅު މިޑްފީލްޑަރ – އަލީ އާމިރު (ޔޫތު ފްރެންޑްސް)

އެންމެ މޮޅު ފޯވާޑް – ހުސެއިން ޝަރީފް (އަހުލީ)

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ – ޒަމާއު އަމްޖަދު (ރިއަލް ސްޓާސް)

މުބާރާތުގައި ޖުމްލަ ހަ ލަނޑު ޖަހައިގެން، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓް ހޯދާފައި ވަނީ އަހުލީ ޓީމްގެ ހުސެއިން ޝަރީފެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވިފައި ވަނީ އަހުލީގެ ހުސެއިން ޝަރީފެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަށް ޝީލްޑް ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ އަހުލީގެ ކޯޗް މުޙައްމަދު ޚާލިދެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ރިއަލް ސްޓާސްއެވެ.

މިއީ އަހުލީ ސާއްބަ އެނިވާސަރީ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވާ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ރިއަލް ސްޓާސް އަދި ޝީލްޑެވެ.