ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީން ހޮވާ ކެންޑިޑޭޓު ވާންޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، މިރޭ ކުރިއަށްދާ އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިޚާބަކާއި ކުރިމަތިލާއިރު ރާއްޖޭގެ މަޝްރަޙް އޮންނަ ގޮތް ބަލަންޖެހޭނެ ކަމަށެވެ
ރައީސް ވިދާޅުވީ، ރިޔާސީ ޕްރައިމަރީން ހޮވާ ކެންޑިޑޭޓު ވާންޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް ކަަމަށާއި، އެކަމުގެ ތަޖުރިބާ އެމްޑީޕީގައި އެބަހުރިކަމަށެވެ.
''2008 ގެ ތަޖުރިބާ އަޅުގަނޑުމެން އެބަހުރި، 2013 ގައި ވީގޮތް އަޅުގަނޑުމެންނަށް އެނގޭ، 2018 ކާމިޔާބުކުރިގޮތް އެބަ އެނގޭ، މި ހުރިހާ ކަމެއްގެ އަލީގައި ނިންމުން ނިންމަންވާނީ'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނީ 25 އިންސައްތަ ވޯޓު ކަމަށެވެ. އަދި އެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ ކޯލިޝަނެއް ހަދައިގެން، ސިޔާސީ އެހެން ފިކުރުތަކުގެ މީހުން އެއްބައި ކުރުވައިގެން ކަމަށް ވިދާޅުވިއެވެ.
''އެހެންނަމަވެސް ކިހިނެތްތޯވީ، ދެ މަސްނުވޭ ކޯލިޝަން ރޫޅިގެން ދިޔައީ، ވީ ވަޢުދު އޮތީ އޮތްތަނެއްގައި، އެއަށްފަހު ދައްޗަކަށްފަހު ދައްޗެއް، ހުރަހަކަށްފަހު ހުރަހެއް ކުރިމަތިވަމުން އައިސް ޖެހުނީ އަނެއްކާވެސް މަގުމައްޗަށް ނުކުންނަން، މިއީ މިއަދު އަޅުގަނޑުމެން ބޭނުންވާ ގޮތެއްނޫން، ހޮވާވެރިއަކު ރައްޔިތުން ޚިދުމަތްކުރުމުގައި ދައުރު ނިމެންދެން ހުރެވެން ޖެހޭނެ، އެ ވިސްނުން އެމީހަކު ހުންނަންޖެހޭނެ،'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނު ގެންދަވަނީ އެ މަނިކުފާނާއި ހަވާލުވި ޒިންމާ އަދާކުރައްވައި، ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް އެ ވިސްނުމުގެ ތެރެއިން ފުރިހަމަ ކުރައްވަމުންކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރަކީ އެމްޑީޕީ އެންމެ ވަރުގަދަ އަހަރު ކަމަށެވެ. އަދި ވޯޓުގެ 48 އިންސައްތައަށް ވުރެ ގިނައިން ލިބުނު ކަމަށާއި، ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވުނީ ބައިވެރިވާނެ ބައިވެރިއަކު، ކޯލިޝަން ޕާޓްނަރަކު ނުލިބުމުން ކަމަށެވެ.
''މިއީ ވިސްނަންޖެހޭކަމެއް، ކާކާއެކީގައި ގޮސްގެންތޯ، ސިޔާސީ އެހެން ފިކުރުތަކުގެ މީހުން އެއީ ވެސް ރާއްޖޭގައި އުޅޭބަޔެއް، އެހެންވީމަ އެބަޔަކު އަޅުގަނޑުމެންނާއެކު ގެނެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު، އެންމެ ގިނަ ވޯޓު ނަގާނެ ޕާޓީ ކަމަށެވެ.
''އެހެންނަމަވެސް ރައްޔިތުންގެ މި ބޮޑުތާއީދާއި މި ޕޮޕިއުލާރިޓީ ބަލައިގެން ނުވާނެ އަޅުގަނޑުމެން އެކަނި ކަމެއްގެ ގޮތުގައި، މައިނޯރިޓީ ރައްކާތެރި ކުރަންޖެހޭނެ، އެމީހުންނަށް ދޭންޖެހޭ ކަންތައްތަކާއި، ޚިދުމަތްތައް ދޭންޖެހޭނެ'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!