ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، ކެންޑިޑޭޓަކަށް ވުމަށް ޝަރުތު ހަމަވަނީ ޖަލަށް ''ވަދެގެންކަމަށް'' ބައެއް ސިޔާސީ ބޭފުޅުންނަށް ހީވެ، އެކަމުގެ ވާދަވެރިކަން އުފެދިފައިވާތަން ފެނިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބު ބޯމަތިވެ، ސިޔާސީ ފޯރި ވައިގައި ހިފަމުން އަންނައިރު މިރޭ މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު ހަމަވަނީ ޖަލަށް ވަދެގެން ކަމަށް ދެކި ޖަލަށް ވަނުމުގެ ވާދަވެރިކަން ބައެއް ބޭފުޅުންގެ މެދުގައި އުފެދިގެން ދާތީ ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެންނަމަވެސް މިފަހަރު ކެންޑިޑޭޓުކަން ދެވެންވީ އެކަމަށް ބަލައިގެން ނޫންކަމަށް ބެލެވޭ ގިނަ ކަންކަން ފެންމަތިވަމުން އަންނަކަމަށް ވެސް އިމްރާން ވިދާޅުވެފަވެއެވެ.
''ރިޔާސީ ކެންޑިޑޭޓެއް ކަމަށް ޝަރުތު ހަމަވަނީ ޖަލަށް ވަދެގެން ކަމަށް ދެކި ޖަލަށް ވަނުމުގެ ވާދަވެރިކަން ބައެއް ބޭފުޅުންގެ މެދުގައި އުފެދިގެން ދާތީ އެބަފެނޭ، މިފަހަރު ކެންޑިޑޭޓުކަން ދެވެންވީ އެކަމަށް ބަލައިގެން ނޫންކަމަށް ބެލެވޭ ގިނަ ކަންކަން ފެންމަތިވަމުން އެބަދޭ'' އިމްރާން ވިދާޅުވެފަވެއެވެ.
Riyaasee candidate eh kamah sharuthu hamavanee jalahvadhegen kamah dheke jalah vanumuge vaadhaverikameh baeh beyfulhunge medhugai ufedhigen dhaathan eba feneve.
Mi faharu candidate kan dhevenee ekamah balaigen noon kamah belevey gina kan kan fenmathi vamun eba dhe’eve.— Imran Abdulla (@ShimranAb) January 4, 2023
މިހާރު ވެރިކަން ކުރަމުން އަންނަ އިއްތިހާދުގެ އެއް ބައިވެރިއެއްގެ ގޮތުގައި ވެސް ހުންނެވި އިމްރާން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބައެއް ޕާޓީތަކުން އެ ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ހޮވާފައެވެ. މިގޮތުން ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ދީފައިވާއިރު، ކުށް ސާބިތުވެފައިވާކަމަށް ކޯޓުން ކުރި ހުކުމެއް އޮތުމުން އެ ހުކުމް އޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމްގެ ކުރިން ޔާމީން އައީ ރިޔާސީ ކެމްޕެއިން ކުރަށްވަމުންނެވެ. އަދި އެ މަނިކުފާނު ޖަލުގައި ހުންނެވިނަމަވެސް އެ ކެމްޕޭން ކުރިއަށް ގެންދަން އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެމްއެންޕީގެ ޓިކެޓް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ދީފައިވާއިރު، އެމްޑީޕީން އަންނަނީ މި މަހުގެ 28 ގައި ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންނެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމަވައި، ނުރަސްމީ ކެމްޕޭނެއް ފައްޓަވާފައެވެ. އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުޙައްމަދު (ސަން ޝިޔާމް) ވެސް އިންތިޚާބުގައި ވާދަކުރަށްވާނެ އިއުލާން ކުރަށްވައި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!