މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޟާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް ޓެލެތޯނެއް ބާއްވަން އެ ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

މި ޓެލެތޯން ބާއްވަން ނިންމާފައި ވަނީ އަންނަ ހަފުތާ ބަންދުގައެވެ. މިގޮތުން ޖެނުއަރީ 6 އަދި 7 ގައި މި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ، މާލޭގެ މިސްކިތްތައް އެ ކައުންސިލާއި، އައު ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށެވެ. އެހެން ކަމުން އެތަންތަނުގެ މަރާމާތު މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭކަމަށް އެ ކައުންސިލުން ވިދާޅުވެފަވެއެވެ.

''ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ، ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައި'' ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެެވެ.