އުތީމު އާދަމްބޭގެ ގަލަމުން: އެކެއްދޭއްގެ ދަތުރު

6F9D461D-B280-4AE1-A8C3-C776058BEE3D

އުތީމު އާދަމް ޢަބްދުއްރަޙްމާން

އުތީމު އާދަމް ޢަބްދުއްރަޙްމާން

އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2001 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެމުގެ މަންސަފާ] އާއި ނޮވެލްޓީން 2008 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެންމޮހޮރީ] އެވެ. މީގެ އިތުރުން އާދަމް ޢަބްދުއްރަޙްމާންވަނީ، [ދިވެހި ދިރިއުޅުމުގެތެރެއިން….] ގެ ނަމުގައި ދިވެހީންގެ އާދަކާދައާ ބެހޭ މުހިންމު ފޮތެއް ނެރުއްވައިފައެވެ. އުތީމު އާދަމްބެގެ އަދަބީ ޚިދުމަތުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ދެއްވި [ޝުކުރާއި ތަޢުރީފުގެ ބަސް] (އެވޯޑު) ވެސް ލިބިވަޑައިގެންފައިވެއެވެ.

އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ. އެއީ ކޮންމެ މަހެއްގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި (އެއްވަނަ ދުވަހާއި ދެވަނަ ދުވަހު) މިދަތުރު ކުރަން ޖެހޭތީއެވެ. މިކަން އަޅުގަނޑަށް ފެންނަންފެށިއިރު މިދަތުރުކޮށް އުޅުނީ ހިޖްރީގޮތަށް މަސްދުވަސް ބަލައިގެންނެވެ. އެއީ ހިޖްރައިން 1375 ވަނަ އަހަރުހާ ތަނުގައެވެ.

އެދުވަސްވަރު ތިލަދުންމަތީގައި އަތޮޅުވެރިކަން ކުރާ ރަށަކީ ނޮޅިވަރަންފަރެވެ. އެއީ ތިލަދުންމަތި ދެބައިކުރުމުގެ ކުރިއެވެ. އޭރު އެއީ ބޮޑު ތިލަދުންމައްޗެވެ. މީހުން ދިރިއުޅޭ 33 ރަށް އަތޮޅުގައި އޮވެއެވެ. ކޮންމެ ރަށަކުންވެސް ހަމަ ކޮންމެ މަހަކު އެކެއް ދޭއްގެ ދަތުރު ކުރެއެވެ.

ނޮޅިވަރަންފަރު އޮންނަނީ އިރު ހުޅަނގު ގޮތުން ބަލާއިރު އަތޮޅުގެ އިރުމަތީ ދުނީގައެވެ. އުތުރު ދެކުނުގެ ގޮތުން ބަލާނަމަ މެދަށްވުރެ އަތޮޅުގެ ދެކުނު ބަޔަށް ޖެހިފައެވެ. އުތުރު ދެކުނުގެ ގޮތުން ބަލާނަމަ މެދަށްވުރެ އަތޮޅުގެ ދެކުނުބަޔަށް ޖެހިފައެވެ. އަތޮޅުގެ ހުޅަނގު އުތުރުގައި ޠަބީޢީގޮތުން ވަކިއަތޮޅެއްގެ ގޮތުގައި އޮންނަ އިހަވަންދިއްޕޮޅުގެ މީހުންދިރިއުޅޭ 7 ރަށްވެސް ހިމެނެނީ އެއް އަތޮޅެއްގެ ގޮތުގައި ތިލަދުންމަތީގައެވެ. ހުޅަނގުބިތުގެ ރަށްރަށުގެ މީހުންނަށް ހުޅަނގު މޫސުމުގައި، ނޮޅިވަރަންފަރަށް ދަތުރެއް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެދުވަސްވަރު ހުންނަނީ ރިޔާނަގާ ދޯނިފަހަރެވެ. ދަތުރުކުރަނީ ވައިމަޑުނަމަ ފަލިޖަހާފައެވެ. ވައިދަތިނަމަ އަނބުރާ ހޭރިޔާ ކޮށްފައެވެ. ހުޅަނގު މޫސުމުގެ ފުނޯސްފުހުގެ ދުވަސްވަރު ނުރައްކަލާއެކުގައެވެ. 

މިދަތުރުގެ ބޭނުމަކީ ހުސްވިމަހު ރަށުގައި ހިނގި ބައެއްކަހަލަ ކަންތައްތަކާ، ކުރެވުނު ބައެއް ބާވަތުގެ މަސައްކަތްތަކާ، ރަށުގެ ޢާންމު ޙާލަތު އަންގައިދޭ މަޢުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާ ރިޕޯޓްތަކެއް އަތޮޅު އޮފީހަށް ގެންދިޔުމެވެ. ފަހަކަށް އައިސް މިދަތުރަށް ރިޕޯޓް ދަތުރޭވެސް ކިޔަން ފެށުނެވެ. އިދާރީގޮތުން މީލާދީ އަހަރުން ދުވަސްބަލަން ފެށިފަހުން އެކެއް ދޭއްގެ ދަތުރުކުރީ ވެސް މީލާދީ މަހުންނެވެ.

މިރިޕޯޓްތައް ގެންދަން ފެށުނު ދުވަސްވަރެއް ދަންނަވާކަށް ނޭނގެއެވެ. އަތޮޅު އޮފީސްތައް އުފެދުމުގެ ކުރިންވެސް މިރިޕޯޓްތައް ގެންދެއެވެ. އެދުވަސްވަރު ރިޕޯޓްތައް ގެންދަނީ އަތޮޅުގެއަށެވެ. އަތޮޅުގެއަކީ އަތޮޅުވެރިޔާ ހުންނަވާގެއެވެ. އަތޮޅުވެރިޔާ ކުރައްވާ އެންމެހާ އަމުރު މަޢުރޫފުތައް ނިކުންނަނީ އަތޮޅުގެއިންނެވެ. އަތޮޅުގެއަކީ ކުރިން ވާރުގެއެވެ. އަތޮޅުވެރިޔާއަކީ ވާރުވެރިޔާއެވެ. 

ރަށްރަށުގައިވެސް ރަށުއޮފީސްތައް އުފެދުމުގެ ކުރިން ވެރިންގެ އިދާރާތަކެއް އުފެދުނެވެ. އޭގެކުރިން ހުންނަނީ ކާޑުގެއެވެ. ރަށްރަށުގެ ވެރިން ކުރައްވާ ރަސްމީ އެންމެހައި މަސައްކަތްތައް ހިންގެވީ މިދެންނެވި ތަރުތީބުން އެމަރުކަޒުތަކުގައެވެ. ކާޑުގެތަކުގެ ދުވަސްވަރުވެސް އެކެއް ދޭއްގެ ދަތުރު ކުރިއެވެ. 

އެކެއް ދޭއްގެ ދަތުރަކީ އެދުވަސްވަރު ރައްޔިތުންނަށް ޢާންމުގޮތެއްގައި ކުރަންޖެހޭ ބަންޑާރަ ދަތުރުތަކުގެތެރޭގައި ހިމެނޭ ބަންޑާރަ ދަތުރެކެވެ. އެދުވަސްވަރު ބަންޑާރަ ދަތުރުޖެހޭ ދެތަރުތީބެއް އޮވެއެވެ. އެއްތަރުތީބަކީ މަހަށްދާ ދޯނިފަހަރަށް ދަތުރުޖެހުމެވެ. މިގޮތަށް ދަތުރުޖެހެނީ އޮޑިވަޅު ތަރުތީބުންނެވެ. އެހެން ގޮތަކަށްދަންނަވާނަމަ ރަށަށް އޮޑިފަހަރު އެހެލާ އޮޑިވަޅުތައްހުރި ތަރުތީބުން ދަތުރު ޖެއްސުމެވެ. އަނެއްތަރުތީބަކީ ރަށުގެ ރަޖިސްޓަރީގައި ގޭގެ ހިމެނިފައިވާ ތަރުތީބުން މީހުންނަށް ދަތުރު ޖެއްސުމެވެ. މިގޮތަށް ދަތުރު ޖައްސާއިރު އެއްގެއެއްގައި އެކަކަށްވުރެ ގިނަމީހުން ތިބިނަމަ އެއެންމެންނަށް އެއްފަހަރާ ދަތުރެއް ނުޖައްސައެވެ. މިކޮންމެ ގޮތަކަށް ދަތުރު ޖެއްސިއަސް ދަތުރުކުރާ ދޯނިފަހަރާ ދަތުރުކުރާ މީހުން އެނގޭނޭ ގޮތަށް ލިޔެ ބަލަހައްޓައެވެ. އެއްބުރު ނިމުނީމާ އަނެއް ބުރު ފަށަނީއެވެ. 

މަސްދޯނިފަހަރަށް ދަތުރުޖެހެނީ އިރުވައިމޫސުމުގައެވެ. ދަތުރުޖެހޭ ދޯނީގެ ކެޔޮޅަކަށް ދަތުރުޖެހުނުކަން ދަތުރު އޮންނަ ދުވަހުގެ ކުރީރޭ ބަނޑޭރިއަކުގޮސް އަންގައެވެ. ދެންއެއީ ކިތަންމެ ރަނގަޅު މަސްވެރިކަމެއްހުރި ދުވަސްވަރެއް ކަމަށްވިޔަސް ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާގަޑިއަކަށް ދޯނި ތައްޔާރުކޮށްގެން ދޯނީގެ ހުރިހާ ފަޅުވެރިންނާ ކެޔޮޅުން ދޯނީގައިތިބޭނެއެވެ. އެކެއް ދޭކަށް ދުރުވާ ވެރިމީހާ ދޯންޏަށް ދުރުވާއިރު ދޯނި އޮންނާނީ ދޮވެ ސާފުކޮށްފައެވެ. ފަރުމާނުގައި ރިޔާއަޅައި ބޮންތިފަނުން ރިޔާއައްސައި ފަރުމާނު ނަގާ ކުނބުކޮޅުގައި ހުންނަނީ ޖައްސާފައެވެ. ފާލަންނެތް ރަށެއްނަމަ ވެރިމީހާ އޮޑިއަށް އަރުވާނީ ފަޅުވެރިއެއްގެ ކޮނޑުމަތީގައެވެ. ވެރިމީހާގެ ފައިތިލަވެސް ތެއްމައެއްނުލާނެއެވެ.
މީހުންނަށް ދަތުރުޖެހޭ ދުވަސްވަރު ދަތުރުކުރާނީ މަހަށް ނުދާ ކުދި (ވަދު) ދޯނިފަހަރުގައެވެ. ދަތުރު އޮންނަނީ ހަމަ ދާދިއެއްގޮތަކަށެވެ.

އެހެނިހެން ބަންޑާރަ ދަތުރުތަކެކޭ އެއްފަދައިން އެކެއްދޭއްގެ ދަތުރުގައިވެސް ދަތުރުދާ އެންމެންނަށް ކާޑުގޭން ކޮއްތުދެއެވެ. ކޮއްތު ކައްކަނީ ދޯނީގައި އުނދުންކޮށީގައެވެ. ބައެއް މީހުން ނޮޅިވަރަންފަރު އޮޑިވެރިިއެއްގެ ކިބައިން އޮޑިހަރުގެއެއް ހޯދައިގެން އޮޑިހަރުގޭގައި ވެސް ކޮއްތު ކައްކައެވެ.

އެކެއް ދޭއްގެ ދަތުރުގެ ނަން ފަހުން އޮތީ ރިޕޯޓް ދަތުރަށް ބަދަލުވެފައެވެ. (ބައެއް އަތޮޅުތަކުގައި ތިންދުވަހު ހިސާބޭ ވެސް ކިޔައެވެ. އެއީ މަހުގެ 1، 2، 3 ހާ ތާނގައި މި ދަތުރުކުރާތީ އެވެ.) އެކިދުވަސްވަރު އެކި ނަންނަންކީ ތަފާތު ރިޕޯޓްތައް ގެންދެއެވެ. ހުރިހާ ތަފްޞީލުތަކުގެ ތެރެއަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ނުގެންދާ ކުރިން ވަރަށްބޮޑު އަހަންމިއްޔަތެއް ދީގެން ގެންދެވުނު އެއްރިޕޯޓެއްގެ ވާހަކަ ދަންނަވާލާހިތްވެއެވެ. އެއީ "މަޑި މީދަލުގެ ރިޕޯޓް" ގެ ވާހަކައެވެ.

މިރިޕޯޓުގައި ހިމަނަނީ ކުރީ މަހު ރަށުން ހިފި މީދަލުގެ ޢަދަދާ ނެގުނު މަޑީގެ ޢަދަދަށެވެ. (މިއީ ދިވެހިރުކުގައިއަޅާ ކުރުމަޑިއެވެ) މިރިޕޯޓްގެ މުހިންމުކަންހުރި ވަރަކީ ރިޕޯޓްގައި ޢަދަދެއް ޖަހާލައިގެން ގެންދިޔައަކަސް ނުފެދެއެވެ. މެރި ހުރިހާ މީދަލެއްގެ ނަގުލާ ނެގުނު ހުރިހާ މަޑިއެއްގެ ބޯތައް އަތޮޅު އޮފީހަށް (ރިޕޯޓާއެކު) ދައްކަންޖެހެއެވެ. އެކެއް ދޭއްގެ ދަތުރަށް ދާންވަންދެން ރަށުން ލިބޭ މީދާ ނަގުލާ މަޑިބޯތައް ކާޑުގޭގައި ރައްކާކޮށް ބަލަހައްޓައެވެ. އަތޮޅު އޮފީހަށް ރިޕޯޓްތައް ބަލައިގެންފައި އެތަނުގެ ބަނޑޭރިއަކުލައްވާ މީދާނަގުލާ މަޑިބޯތައް ގުނުވައި ޢަދަދު ހަމަކުރެއެވެ. ރަށުގައި ދިރިއުޅޭ ކޮންމެ ފިރިހެނަކަށް (މަދުވެގެން) މީދާނަގުލަކާ މަޑިބޮލެއް ގެންދަން ޖެހެއެވެ. މިރިޕޯޓްގެ ވާހަކަ މިހާ ތަފްޞީލުކޮށް މިދަންނަވާލީ ބޭނުންތަކެއްހުރިކަމަށް އަޅުގަނޑަށް ފެންނާތީއެވެ. 

އެކިދުވަސްވަރު އެކިނަމުގައި އެކިޢަދަދަށް ފޮނުވުނު ރިޕޯޓްތައް 1999 ވަނަ އަހަރުގެ މާރޗްމަހާ ހަމައަށް އައިއިރު އޮތްގޮތް ދަންނަވާލާނަމެވެ. 

•ގެންދާ ރިޕޯޓްތައް:


1- މަސްދުވަހުގެ މަސްވެރިކަމުގެ ރިޕޯޓް.

2- ކާށި ރިޕޯޓް

A/R1- 3-ކާށި ރިޕޯޓް

A/R2 -4-ވެލާ ކަހަނބުގެ ރިޕޯޓް

5- އިހީގެ ރިޕޯޓް

6- އުފަންވާ ކުދިންގެ ރިޕޯޓް

7- މަރުވާ މީހުންގެ ރިޕޯޓް

8- މަރުވާ މީހުންގެ މަޢުލޫމާތު ފޯމް

9- ކަނދުފަތިކައިރިން ބާނާ މަހުގެ ރިޕޯޓް

10- ތާރީޚަށްޓަކާ ރައްކައުކުރެވޭ ފޮޓޯއާއި ޚަބަރުގެ ރިޕޯޓް

11- ދޫކުރެވޭ ގަލުގެ ރިޕޯޓް

12- ދިދަ ރިޕޯޓް

13- ރަށު އޮފީހުގެ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް

14- ރަށު އޮފީހުގެ ޚަރަދު ރިޕޯޓް

15- ދަތުރު ކޮއްތާ އެލަވަންސް ދެވޭގޮތުގެ ރިޕޯޓް

16- ވިޔަފާރި ކުލީގެ ރިޕޯޓް

17- މެސެޖް ފައިސާގެ ރިޕޯޓް

18- ކަށުކަމާކެމީގެ ރިޕޯޓް

19- ތިޖޫރީ ރިޕޯޓް

20- މުއައްޡަފުންގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

21- މިސްކިތު މުއައްޡަފުންގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

22- މިސްކިތު މުއައްޡަފުންގެ ބަންދުދުވަހުގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

23- މަޢުހަދު ޤުރްއާން ކްލާސް ހިނގިގޮތުގެ ރިޕޯޓް

24- އިސްކޫލުތަކުގެ އިތުރުގަޑީ ރިޕޯޓް

25- އިސްކޫލުތަކުގެ މުއައްޡަފުންގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

26- ބޭރަށް ހިންގުމުގެ ރިޕޯޓް

27- ރކ.ކޮމިޓީގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

28- ރކ.ކޮމިޓީއަށް ލިބުނު ފައިސާއާ ހިނގި ޚަރަދުގެ ރިޕޯޓް

29- ކައުންސިލިން ސެލްގެ ރިޕޯޓް

30- އަންހެނުން ކޮމިޓީގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

31- ކަނޑުންނެގޭ ދިރޭ ބާވަތްތަކުގެ ތަކެތީގެ ރިޕޯޓް

32- ޑީ.ޕީ.އެޗް.ގެ މުއައްޡަފުންގެ ހާޒިރީ ރިޕޯޓް (އަސްލާކޮޕީ)

33- ރަށުން ބޭރުކުރެވުނު ދަނޑުވެރިކަމުގެ ތަކެތީގެ ރިޕޯޓް

މީގެއިތުރަށް ތިންމަހުން އެއްމަހު ގެންނަ ރިޕޯޓްތަކަކާ 4 މަހުން އެއްމަހު ގެންނަ ރިޕޯޓްތަކެއްވެސް ހުރެއެވެ. މިހާރަކު މިދަތުރެއް ނުކުރެއެވެ. —————

(މިއީ "ލިޔުންތެރިޔާ"ގައި ޝާއިޢުކޮށްފައިވާ ލިއުމެކެވެ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *