އައު އަހަރު ފެށުނު ދުވަސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރުމަށް އެ ކަންކޮޅުތަކުގެ އަހުލުވެރިން އެކިއެކި ހަރަކާތްތައް ހިންގަމުންދިޔައިރު، ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ އެއް ރަށްކަމަށްވާ ހއ. އުލިގަމުގެ ރައްޔިތުން އެ ދުވަހު ބޮޑު ފަތިހާއެކު އެއްވީ އެރަށުގެ ތާރީޚުން ޖާގަ ހޯދާފައިވާ މަސް ފިހުމުގެ ހަރަކާތުގެ ކަންކަން ފެށުމަށެވެ.
އުލިގަމު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އުލިގަމު މަސްފިހުމުގެ ހަރަކާތަކީ 1980 ގެ ކުރީކޮޅުގައި ފެށިގެން އައި ހަރަކާތެކެވެ. އެދުވަސްވަރު ރިޒޯޓުތަކުގައި ވަޒީފާ އަދާކުރަމުންއައި އެރަށުގެ ޒުވާނުން ރަށަށް ޗުއްޓީއަށް ގޮސް ފެށި މަސް ފިހުމުގެ ހަރަކާތް މިހާރުވަނީ ޒަމާންދުށް ބަދަލުތަކަށް ފުރޮޅާލައިފައެވެ. އެ ހަރަކާތުގެ ނަން މިހާރު ވަނީ ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު އަށް ބަދަލުވެފައެވެ.
އުލިގަމު ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު، ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތް
މި ހަރަކާތަކީ މިހަތަނަށް ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމު ކައުންސިލުން ވިދާޅުވެފައިވާ ގޮތަށް ބަލާއިރު މިހަރަކާތަށް މި އަހަރު 42 ފުރޭނެއެވެ.
އުލިގަމުގެ ކުދިބޮޑު އެންމެން ޖަމާވެ ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްފިހުމުގެ މި ހަރަކާތަކީ އެ ރަށުގެ ސަޤާފަތާއި ގުޅިފައިވާ ހަރަކާތެކެވެ. މި ހަރަކާތް ހިންގޭ ދުވަސްވަރު ބައެއް އަހަރުތަކުގައި ތަފާތުވީ ނަމަވެސް، މި ހަރަކާތް އާންމުގޮތެއްގައި ބާއްވަމުން އައިސްފައިވަނީ ސައްވާލު މަހުގެ ހަ ރޯދަ ނިންމުމާއި ގުޅިގެންނެވެ.
ޒަމާން ބަދަލުވެ މަސްފިހުމުގެ މި ހަރަކާތް ބާއްވާ ދުވަސްވަރު މިހާރު ވަނީ ބަދަލުވެފައިވާއިރު، އުލިގަމު ކައުންސިލުން ޚަރަދު ކޮށްގެން މިހާރު ބާއްވަމުން އަންނަ މި ހަރަކާތަށް ކައުންސިލުން ދީފައިވާ ނަމަކީ " ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އެވެ.
މި އަހަރުގެ ހަރަކާތުގައި އުޅަނދުތައް މަހަށް ފުރުވާލުން، ފޮޓޯ: އުލިގަމު ކައުންސިލް
އުލިގަމަށް އީދެއް
މި ހަރަކާތުގައި އުލިގަމުގެ އެންމެހާ ރައްޔިތުން ބައިވެރިވާއިރު، މި ހަރަކާތް އޮންނަ ދުވަހަށް އެހެން ރަށްރަށުން ވެސް ގިނަ ބަޔަކު އެ ރަށަށް ޖަމާވެއެވެ. މިއަހަރު ވެސް ކަންހިނގީ މިގޮތަށެވެ. ދުވަހަކީ އައު އަހަރު ފެށޭ ޗުއްޓީ ދުވަހެއް ކަމަށްވުމާއެކު މަސް ފިހުމުގެ ހަރަކާތް އޮތް ދުވަހު ގިނަ އަދަދެއްގެ މީހުން އެހެން ރަށްރަށުން އެރަށަށް ޒިޔާރަތްކޮށްފަވެއެވެ.
އެ ދުވަސް ސިފަވެގެން ދަނީ އުލިގަމަށް ކުޑަވަރެއްގެ ޢީދެއްގެ ގޮތުގައެވެ.
މި އަހަރުގެ ހަރަކާތުގައި މަސް ފިހަން ތައްޔާރު ވަނީ، ފޮޓޯ: އުލިގަމު ކައުންސިލް
އެންމެންގެ ބައިވެރިވުން
އުލިގަމުގެ އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއެކު، ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާ މިހަރަކާތަކީ ހަރަކާތް އޮންނަ ދުވަހުގެ ތާވަލު އެކުލަވާލައި، ރައްޔިތުން ގްރޫޕްތަކަށް ބަހައި އެ ގްރޫޕެއްގެ ޓާސްކް އެ ގްރޫޕަކުން ފުރިހަމަކުރާ ގޮތައް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި އެރަށުގެ އެންމެންގެ ބައިވެރިވުން އޮންނައިރު ހަރަކާތް ކުރިއަށް ދަނީ ޖޯޝާ ފޯރީގައެވެ. މިފަހަރުގެ ހަރަކާތް ވެސް މި ބީދައިން ކުރިއަށް ދިޔައިރު، ފެނުނިގެން ދިޔައީ ކުރީއަހަރުތަކެކޭ ވެސް އެއްގޮތަށް އެއްބައިވަންތަ، އެކުވެރި އުލިގަމެކެވެ. މި ހަރަކާތުގެ ސަބަބުން އެރަށުގެ ސަފުތައް އިތުރަށް ބަދަހިވެގެން ގޮސްފަވެއެވެ.
މި އަހަރުގެ ހަރަކާތުގައި މަސް ދޯނިތައް މަހުން އަންނަންވާއިރަށް، އަދި ތައްޔާރީތަކުގައި އުޅޭ ފިރިހެނުންނަށް މެންދުރުގެ ކެއުން ތައްޔާރުކުރުމުގެ ތެރެއިން، ފޮޓޯ: އުލިގަމް ކައުންސިލް
މިއަހަރުގެ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު''
އުލިގަމުގައި މިފަހަރު ބޭއްވި މަސް ފިހުމުގެ ހަރަކާތް (ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023) އަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ވަރަށް ފޯރީގައި ކުރިއަށް ދިޔަ ކާމިޔާބު ހަރަކާތެކެވެ.
މިއަހަރުގެ ހަރަކާތް ފެށިގެން ދިޔައީ މިހަރަކާތަށް މަސް ބޭނުމަށް އުޅަނދުތައް ފުރުވާލުމާއެކުގައެވެ. މި ހަރަކާތުގައި ފިހަން ބޭނުންވާ މަސް ބާނަން މިފަހަރު އެރަށުގެ ތިން އުޅަނދެއް ފުރިއެވެ. މި އުޅަނދުތައް ފަތިހު 6:00 ހާއިރު ފުރާފައިވާއިރު، މި އުޅަނދުތައް ފުރުވުމަށް ގިނަ ބަޔަކު ރަށުގެ ބަނދަރަށް ޖަމާވިއެވެ. ދޯނިތައް މަހަށް ފުރުމުގެ ކުރިން ރަށުގެ ހީވާގި އަންހެންވެރިން ތައްޔާރުކުރި ކާނާގެ ބާވަތްތައް އެ ދޯނިތަކަށް ވަނީ އަރުވާފައެވެ. މި ދޯނިތައް ފުރުވާލަން އެވަގުތު އެރަށުގައި ތިބި އެހެން ރަށްރަށުގެ މެހްމާނުންގެ ތެރެއިން ވެސް ގިނަ ބަޔަކު ބައިވެރިވިއެވެ.
މަސް ފިހަން ތައްޔާރުކޮށްފައި، ފޮޓޯ: އުލިގަމް ކައުންސިލް
ދެން އޮތީ ރަށުގައި ތިބި މީހުން ސަޔަށް އިންސާފުކުރުމެވެ. މަސްހުންޏާއި، ޑިސްކާއި، ކުޅިމަސް ފަދަ ރަހަމީރު ކާނާގެ ބާވަތްތަކާއެކު އެކުވެރި މާހައުލެއްގައި ސަޔަކަށް އިންސާފުކުރުމަށްފަހު ދޯނި ފަހަރު މަހުން ލެފުމުގެ ކުރީން ވާންޖެހޭ ތައްޔާރީތައްވާން އަވަސްވެގަތެވެ. މިގޮތުން މަސްފިހާ ތަން ތައްޔާރުކޮށް، އަށި އަޅައި، އަދި މަސްފިހަން ބޭނުންވާ އޫ ހެދުން ފަދަ ކަންކަން ކުރިއަށް ގެންދިޔައެވެ. ހަމަ އެވަގުތުތަކުގައި އަންހެންވެރިން ދިޔައީ މަހުން އަންނަ ދޯނިތަކުގައި ތިބި މީހުނަށާއި، މަސް ފިހުމުގެ އިންތިޒާމުތައް ކުރަމުން ދިޔަ ފިރިހެން ވެރިންނަށް ކެއުން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކެއިންބުއިމުގެ މައިގަނޑު ކެއުމަކަށް ތައްޔާރު ކުރީ ފެން ބިހާއި، މަސްރޮއްޓާއި އަދި ސާގު ފަންޏެވެ. މިހަރަކާތްތައް ހިނގަމުންދިޔަ ވަގުތުތަކުގައި އުލިގަމު ކައުންސިލުގެ ފަރާތުން ފުޅިއާއި ދަޅާއި ކޭކާއި ބިސްކޯދު ފަދަ ތަކެތި މަސައްކަތްކުރާ ފަރާތްތަކަށް ދީފަވެއެވެ.
މަސް ފިހުމަށް އޫ ތައްޔާރުކުރުން، ފޮޓޯ: އުލިގަމު ކައުންސިލް
މަހަށް ފުރި ދޯނިތައް މަހުން އެނބުރި އައީ މެންދުރުން އަނބުރާ ދިޔަފަހުންނެވެ. އެ ދޯނިތައް ރަށަށް ލެފީ ލަސްނުވެ މަސް ފިހުމުގެ ކަންކަން ފަށައިގަތުމަށް ފަސޭހަވާނެހެން ބޭނި މަސްތައް ކަނޑައި ޅިޔަޖަހާހަދައި ތައްޔާރުކޮށްގެންނެވެ. އޭރު ރަށުގައި މަސް ފިހަންވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ވެ ނިމިފައެވެ. މަސްތަކުގައި ލޮނު މިރުސްލައި އިރު އޮއްސުމުގެ ކުރިން ވަނީ މަސް ފިހަން ފަށާފައެވެ. މިފަހަރުގެ ޙަރަކާތުގައި 664 މަސް ފިހެފައިވެއެވެ.
މަސް ފިހަން ތައްޔާރުކޮށްފައި، ފޮޓޯ: އުލިގަމު ކައުންސިލް
މަސް ފިހެނިމުމުން ކެއުމަށް އިންސާފުކުރުން އޮތީ އުލިގަމު ކައުންސިލުން އިންތިޒާމުކުރި ރަސްމިއްޔާތަކަށްފަހުއެވެ. މި ރަސްމިއްޔާތުގެ އެ ރޭ 20:30 ހާއިރު ފަށާފައިވާއިރު، ކެއުން ކުރިއަށް ދިޔަ ވަގުތު، އެރަށުގައި މަސްފިހުމުގެ ހަރަކާތްތައް ފެށިގެން އައިގޮތަށް އަލިއަޅުވާލާފައިވާ ޚާއްޞަ ވީޑިއޯ ރިޕޯޓެއް ދެއްކިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!