ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅެކެވެ.
މި ޖެނުއަރީ މަހުގެ 28 ވަނަ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމަނިކުފާނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
ދެ ބޭފުޅުން ވެސް ކެމްޕޭން ފައްޓަވާފައިވާއިރު، ނަޝީދުގެ ކެމްޕެއިން ފައްޓަވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. މާލޭގެ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި "ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުން ފެއްޓެވި ކެމްޕޭނުގައި ނަޝީދު ވަނީ ބޮޑު ތިލަދުންމައްޗަށް ވެސް ވަޑައިގެންފަ އެވެ.
ނަޝީދުގެ އެެ ދަތުރުފުޅުގައި ހޯރަފުށި، އިހަވަންދޫ، ކެލާ އަދި ދިއްދޫގައި ތިބި އެޕާޓީގެ މެމްބަރުންނާއި ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ 'ދޮރުން ދޮރަށް' ވަނީ ހިންގަވާފަ އެވެ. އަދި ވައިކަރަދޫ، ކުމުންދޫ އަދި ކުޅުދުއްފުށި ސިޓީގައި ވެސް ޒިޔާރަތް ކުރެއްވި އެވެ.
ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި ށ. ކޮމަންޑޫއަށްވެސް ވަޑައިގަންނަވާފައިވާއިރު، ނަޝީދުގެ ޕްރައިމަރީ ކެމްޕޭން އޮފީހެއް ކުޅުދުއްފުށި ސިޓީގައި ހުޅުވާފަ އެވެ. މި އޮފީސް ހުންނާނީ ކުޅުުދުއްފުށި ސިޓީގެ ބޮޑުފެންވަޅުގޭގަ އެވެ.
މީގެ އިތުރުން މާލޭގައި ރޭ ވަނީ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފަ އެވެ.
ރައީސް ސާލިހު ވެސް އެމަނިކުފާނުގެ ކެމްޕެއިން ފަށްޓަވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ޖަގަހަ ޖަލްސާތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ކެމްޕޭން ޓީމުގެ ދަތުރުތައްވެސް މިހާރު ވަނީ އަތޮޅުތަކަށް ފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!