އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ "ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

އިހަވަންދޫ ޣާޒީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު މި މުބާރާތުގެ ކުޅުން ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސެންސިޓީއާއި ކުޅިމަގެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކުޅިމަގެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކުޅިމަގު ޓީމްގެ ސާލިމް މުހައްމަދެވެ.

Ad
rt

ދެވަނަ މެޗު މިއަދު ހެނދުނު ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ބޮޑުމަގާއި ޖަންގަލްއެވެ. މި މެޗު 13-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޖަންގަލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޖަންގަލްގެ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ސެންސިޓީއާއި ފިއުޗަރ އެފްސީއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހައިލާގެންނެވެ. ގްރޫޕް 1 ގައި ހިމެނެނީ ސެންސިޓީ، ކުޅިމަގު އަދި ފިއުޗަރ އެފްސީ އެވެ. ގްރޫޕް 2 ގައި ހިމެނެނީ ޖަންގަލް، އެންވީކޭ އަދި އެފްސީ ބޮޑުމަގެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެވަނަ ބުރަށް ދަތުރުކުރާ 4 ޓީމްގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ.

މުބާރާތުގެ ފުރަތަމަ ބުރު މެޗްތައް ހެނދުނާއި ހަވީރު ކުޅެން ހަމަޖެހިފައިވީނަމަވެސް ދެވަނަ ބުރުން ފެށިގެން މެޗްތައް ކުޅޭނީ ހަވީރު އެކަންޏެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.