ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލް (ޒަމްޕެ) އާއި ހެންވޭރު ސްޓިއަރިންގ ކޮމިޓީގެ މެންބަރު ޢަބްދުﷲ ޢަދުލީގެ މުއްދަތު ޖަހާފައި ވަނީ، ސިޔާސީ ނުފޫޒުން ކަމަށާއި، މިހާރުން މިހާރަށް އެ ދެ މީހުން ދޫކޮށްލުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވައިލައިފި އެވެ.

ޕްރޮގްރެސިވް ކޯލިޝުން ނެރުނު ބަޔާނެއްގައި އިޙުތިޖާޖުތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށް އަނިޔާވެރިވަމުންދާކަމަށް ތުހުމަތުކޮށްފައިވެއެވެ.

Ad
rt

އެ ބަޔާނުގައި ބުނީ، ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވޭ އިޙުތިޖާޖުތަކުގެ ތެރެއިން އެ ކޯލިޝަނަށް ނިސްބަތްވާ ޒަމީލް އާއި ޢަދުލީ، ހައްޔަރުކޮށްފައިވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއެކު ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ގޮތެއްގައި ދޮގު ބަޔާންތަކެއްގެ މައްޗަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަކީ ސަރުކާރުގެ އިދާރާތަކުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުން މާލޭގެ މަގުތަކަށް އެއްވެ އަޑު އުފުލަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި އެއްވެ އުޅުމުގެ ޙައްޤު ގެ އިންތަކުގެ ތެރޭގައެވެ. އެހެންނަމަވެސް އެއްވެ ތިބޭ މީހުންނާއި ދިމާއަށް ފުލުހުންގެ ވެހިކަލް ބާރަށް ދުއްވާފަ ވަނުމާއި ފަހަތުން ދުވެ ގޮސް ސުލްޙަވެރިކަމާއެކު މަޑުން ތިބޭ މީހުންގެ ގަޔަށް އަރައިގަނެ، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިކަމާއެކު ހިފައިގަނެ އަނިޔާ ދެމުންދާކަން ފާހަގަ ކުރަމެވެ." އެ ކޯލިޝަންގެ ބަޔާނުގަވެއެވެ.

މީގެ އިތުރުން މިފަދަ ޢަމަލުތައް ހިންގާ ފުލުހުންނާމެދު އެއްވެސް މުއައްސަސާ އަކުން ފިޔަވަޅެއް ނާޅާތީއާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފަދަ މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ބުނެފަވެއެވެ.

އެހެންކަމުން ޒަމީލް އާއި ޢަދްލީ އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށާއި އެޗްއާރްސީއެމް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ މުއައްސަސާތަކުން، ގާތުން ބައްލަވާ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، އެބޭފުޅުންނާއި ޤާނޫނުން ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރެއްވުމަށް ވެސް ވަނީ ގޮވައިލާފަ އެވެ.